22 Mar 2017, 12:21
ގާނޫނީ ގޮތުން އިންސާނުންނަށްދޭ ހައްގުތަކާއި ރައްކާތެރިކަން، ހިންދޫ ދީނުގެ މުގައްދަސް ދެ ކޯރު ކަމުގައިވާ ގަންގާ އަދި ޔަމުނާ ކޯރަށް އިންޑިއާ އިން ދީފި އެވެ.
ޔަމުނާ އަދި ގަންގާ ކޯރަށް އިންސާނީ ދަރަޖަ ދިނީ، އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަކާންދު ސްޓޭޓުގެ ހައި ކޯޓުންނެވެ. ގަންގާ އަދި ޔަމުނާ ކޯރު އުފެދިގެން އަންނަނީ އުއްތަރަކާންދު ސްޓޭޓުންނެވެ.
އިންސާނުންނާއި، ސިނާއީ މަސައްކަތާއި އަދި ދީނީ ގޮތުން ހިންގާ އެކިއެކި ހަރަކާތްތަކުގެ ސަބަބުން ގަންގާ އަދި ޔަމުނާ ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ތަގައްޔަރުވެފައިވާ އިރު، އުއްތަރަކާންދުގެ ހައި ކޯޓުން އެ ދެ ކޯރަށް އިންސާނީ ދަރަޖަ ދިނީ، އެކަން އެގޮތަށް ކުރުމަކީ ކޯރު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ފަސޭހަކޮށްދޭނެ ކަމެއް ކަމަށް ބުނެ އެވެ.
ކޯޓުން ބުނި ގޮތުގައި، ކޯރަށް އިންސާނެއްގެ ދަރަޖަ ދިނުމުން، އެ ކޯރަށް ގެއްލުން ދިނުމަކީ ދިރިހުރި އިންސާނަކަށް ގެއްލުން ދިނުމާ އެއްފަދަ ކަމަކަށްވެ އެވެ.
ކޯޓުގެ ރޫލިންގްގައި ބުނެފައި ވަނީ، ޔަމުނާ އަދި ގަންގާ ކޯރަކީ ހިންދޫއިންގެ އަގީދާއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެ ކޯރަށް ވާ އިރު، ދެ ކޯރަކީ އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައިގެ ސިއްހަތާއި ދިރިހުރުމާ ވެސް ގުޅިފައިވާ ދެ ކޯރު ކަމަށެވެ.
އުއްތަރަކާންދު ހައި ކޯޓުގެ މި ނިންމުމާ އެކު، ޔަމުނާ ކޯރަށާއި ގަންގާ ކޯރަށް، އުއްތަރަކާންދު ސްޓޭޓުގެ ދެ އިސްވެރިން ވަނީ "ބެލެނިވެރިން"ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ގަންގާ ކޯރަކީ އުއްތަރަކާންދުން ފެށިގެން އިންޑިއާގެ އިރު ދެކުނުގެ ސްޓޭޓުތައް ހުރަސްކޮށް، ބަންގްލަދޭޝަށް ވެސްދެ އެވެ. އަދ ޔަމުނާ ކޯރަކީ އުއްތަރަކާންދުން ފެށިގެން ހުޅަނގަށް ދާ ކޯރެކެވެ.
އުއްތަރަކާންދު ހައި ކޯޓުން ޔަމުނާ އަދި ގަންގާ ކޯރަށް ގާނޫނީ ގޮތުން އިންސާނީ ދަރަޖަ ދީފައި މިވަނީ، މިދިޔަ ހަފްތާގައި ނިއުޒިލެންޑުން އެގައުމުގެ ވަންގަނުއީ ކޯރަށް ވެސް ގާނޫނީ ގޮތުން އިންސާނެއްގެ ދަރަޖައާއި ހައްގުތައް ދީފައި ވަނިކޮށެވެ. ނިއުޒިލެންޑުގެ ވަންގަނުއީ ކޯރަކީ މިފަދައިން އިންސާނީ ދަރަޖަ ދެވުނު ތަނެކެވެ.