22 Mar 2017, 12:16
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕަލްއިން ބާޒާރަށް ނެރުނު އައިފޯން 7 އާއި 7 ޕްލަސްގެ ރަތް ކުލައިގެ ފޯނުތައް އެޕަލްއިން ތައާރަފުކޮށްފި އެވެ.
އެޕަލްއިން ބުނި ގޮތުގައި ޕްރޮޑަކްޓް ރެޑް ސްޕެޝަލް އެޑިޝަން އިއްޔެ ތައާރަފްކޮށްފައި ވަނީ ދުނިޔޭގައި އެއިޑްސް ބަލި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ޖަމްއިއްޔާއެއް ކަމަށްވާ ރެޑްއާ އެކު އެޕަލްއިން ޕާޓްނާޝިޕެއް ހެދިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ރަތް ކުލައިގެ އައިފޯން 7 ހުކުރު ދުވަހު ބާޒާރަށް ނެރޭ އިރު އެކުލައިގައި ލިބެން ހުންނާނީ 128ޖީބީ އާއި 256ޖީބީގެ ފޯނު އެކަންޏެވެ. އައިފޯން 7ގެ އަގު 749 ޑޮލަަރުން ފެށޭ އިރު 7 ޕްލަސްގެ އަގު ފެށެނީ 869 ޑޮލަރުންނެވެ.
އެއައިފޯނު ވިއްކައިގެން އެޕަލްއަށް ލިބޭ ފައިދާގެ ތެރެއިން ބައެއް ދާނީ ދެކުނު އެފްރިކާ އާއި ގާނާ އާއި ރުވަންޑާ ފަދަ ގައުމުތަކުގައި ހިންގާ އެޗްއައިވީ ޕްރޮގްރާމުތަކަށް މާލީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ދި ގްލޯބަލް ފަންޑަށެވެ. އެޕަލްއިން ވަނީ މީގެ ކުރިންވެސް ޕްރޮޑަކްޓް ރެޑްގެ ނަމުގައި އައިފޯން 7ގެ ބެޓެރީ ކޭސް ފަދަ އާލާތްތައް ބާޒާރަށް ނެރެފަ އެވެ.
އެޕަލް އިން އިއްޔެ ވަނީ އައިފޯން އެސްއީގެ 32ޖީބީ އާއި 128ޖީބީ ފޯނުވެސް ހުކުރު ދުވަހުން ފެށިގެން ބާޒާރަށް ނެރޭނެ ކަމަށް ބުނެފަ އެވެ. އަދި 9.7 އިންޗީގެ އައިޕެޑުގެ އަޕްޑޭޓެޑް ވާޝަންއެއް ވެސް އިއްޔެ ދައްކާލާފައިވެ އެވެ. އެއައިޕެޑުގެ އަގު 329 ޑޮލަރުން ފެށޭ އިރު އެއީ އެޕަލްއިން މިހާތަނަށް ނެރުނު އެންމެ އަގުހެޔޮ ޓެބްލެޓެވެ.