މާލެ ސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މާދަމާ ސިޓީ ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.

މޭޔަރު އާދަމް މަނިކުގެ އިތުބާރުގެ މައްސަލަ ހުށަހެޅުއްވީ، މޭޔަރު ކަމަށް ވާދަކުރައްވައި ފެއިލްވި، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް އެވެ.

ފޯނަށް ޖަވާބު ނުދެއްވާތީ ފަލާހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނަމަވެސް ޑެޕިއުޓީ މޭޔަރު އަހްމަދު ސަމާހް ރަޝީދު މިއަދު ވިދާޅުވި ގޮތުގައި އެ ވޯޓު ނެގުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި އޮންނަ ޖަލްސާގައި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ފަލާހު ކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ އެ މައްސަލަ ވެއްދި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމުގައި ސަމާހް ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހެޅުމަށް ފަލާހަށް ތާއީދުކުރެއްވި ބައެއް މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ކައުންސިލަރުންތަކަކާއި އަދި ސިޓީ ކައުންސިލްގެ ދެ ގޮނޑި ފުރުއްވާ ޑީއާރްޕީގެ ކައުންސިލަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެމްޑީޕީގެ، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު އަބުދުލްކަރީމް )ރުކުމާ( މިރޭ ވިދާޅުވީ، "އެމްޑީޕީ މެމްބަރުންތަކެއް އިސްކޮށް ތިބެ، ޕާޓީ މެމްބަރުންނާ ދޭތެރޭ ދެރަކޮށް ކަންތައްކުރާތީ" އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އާދަމް މަނިކުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ވެސް ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އެގޮތުން ހޯމަ ދުވަހު ކައުންސިލަރުންގެ ބައްދަލުވުން ބާއްވަނީ އިދާރީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށް ރުކުމާ ވިދާޅުވި އެވެ. އަދި މައްސަލައެއް އެޖެންޑާކުރުމުގެ ދެ ދުވަސްކުރިން ކައުންސިލަރުންނަށް އެކަމުގެ ތަފްސީލު ފޮނުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިއަދު ބަޔަކު ރާވައިގެން މި މައްސަލަ އެޖެންޑާކޮށްފައި މާދަމާ ވޯޓު ނަގާ ގޮތަށް މި ހަމަޖެއްސީ،" ރުކުމާ ވިދާޅުވި އެވެ. "މިގޮތަށް މި މައްސަލަ ވެއްދޭ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ މޭޔަރާއި ޑެޕިއުޓީ މޭޔަރާ ބަދަލުކުރަން ވާނީ ވަރަށް ފަސޭހަ ކަމަކަށްހެން. އެއް ފަރާތުގެ މީހުން މަދުވާ ދުވަހެއް ބަލައިފައި ޖަލްސާ ބާއްވައިފައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމައި އޭގެ އަނެއް ދުވަހު އެ ވޯޓު ނަގަން ހަމަޖައްސާނީ. މިއީ ބެސްޓް ޕްރެކްޓިސްއާ ވެސް ހިލާފުކަމެއް އެހެންނުންތޯ؟،" ރުކުމާ ވިދާޅުވި އެވެ.

އެނާ ވިދާޅުވީ، މިހާރު ވެސް ސިޓީ ކައުންސިލްގެ އިދާރީ ހިންގުން ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށާއި އަދި ބައެއް ކައުންސިލަރުންގެ ފަރާތުން އިތުރު ބައިވެރިވުން ބޭނުންވާ ކަމަށެވެ. ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަކީ އިތުރު މައްސަލަތަކެއް އޭގެ ސަބަބުން ނުކުންނާނެ ކަމެއް ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.

އަދި ހުރިހާ ކަމެއް މޭޔަރުގެ އިސްތަށިފުޅުގައި އަޅުވައި، މޭޔަރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބަދަލުގައި އެހެން ކައުންސިލަރުން ވެސް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމުގައި އޭނާ ވިދާޅުވި އެވެ.