ސްރީލަންކާގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ހައްޔަރުކޮށްފައި ހުރި ދިވެއްސަކު ފިލައިފިއެވެ.

ސްރީލަންކާގެ ޑެއިލީމިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ މީހާ ފިލާފައި ވަނީ މިހަފްތާގެ ހޯމަ ދުވަހުގެ ރެއެވެ.

އެ މީހާ ފިލީ ސްރީލަންކާގެ ވެރިރަށް ސްރީ ޖަޔަވަރުދަނަޕޫރަ ކޯއްޓޭގެ މިރިހާނަ އަވަށުގައި ހުންނަ ޑިޓެންޝަން ސެންޓަރަކުންނެވެ. އެ ޑިޓެންޝަން ސެންޓަރަކީ ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހިންގާ ތަނެކެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ޑެއިލީމިރާއިން ރިޕޯޓުކުރާ ގޮތުގައި، ދިވެހި މީހާގެ އިތުރުން، ނައިޖީރިޔާއަށް ނިސްބަތްވާ ދެ މީހަކާއި ތުރުކީ މީހަކު ވެސް ހޯމަ ދުވަހުގެ ރޭ، ޑިޓެންޝަން ސެންޓަރުން ފިލާފައިވެ އެވެ.

އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނުތަކާ ޚިލާފުވެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިރިހާނަގެ ފުލުސް އޮފީހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސްރީލަންކާގައި އެކި ބޭނުމުގައި ގާތްގަނޑަކަށް 12،000 އެއްހާ ދިވެހީން ދިރިއުޅެމުންދެއެވެ. އަދި އެ ގައުމަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރެއެވެ.