ވޮޝިންޓަން (މާޗް 22): މެދުއިރުމައްޗާއި އުތުރު އެފްރިކާ އިން އެމެރިކާ އާއި އިނގިރޭސިވިލާތަށްދާ ފްލައިޓުތަކުގައި ފޯނު ނޫން އެހެން އިލެކްޓްރޯނިކް ވަސީލަތްތައް ހޭންޑް ލަގެޖުގެ ގޮތުގައި އެރުވުން މަނާކޮށްފި އެވެ.

އެ ގަވާއިދުގެ ދަށުން ހޭންޑް ލަގެޖުގެ ގޮތުގައި ފްލައިޓަށް އެރުވުން މަނާ ކުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ޓެބްލެޓު، ޑީވީޑީ ޕްލޭޔަރު އަދި އިލެކްޓްރޯނިކް ގޭމްސް ހިމެނެ އެވެ. އެފަދަ ތަކެތި ދެން ޖެހޭނީ ބެގެޖުގެ ގޮތުގައި ދޫކޮށްލާށެވެ.

އެގަވާއިދަށް ކުރިއަށް އޮތް 96 ގަޑި އިރު ތެރޭގައި އަމަލު ކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން އިއްޔެ އަންގާފައިވާ އިރު އެ ގަވާއިދު ދެމިއޮންނާނީ ކިހާ މުއްދަތަކަށް ކަން އެޑިޕާޓްމެންޓުން ބުނެފައި ނުވެ އެވެ.

އެމެރިކާގެ ސަރުކާރުން އަލަށް އެކުލަވާލި ގަވާއިދުތަކުގެ ދަށުން އަށް ގައުމަކުން އެމެރިކާ އަށް ދަތުރު ކުރާ ނުވަ އެއާލައިނަކުން އެގަވާއިދަށް އަމަލު ކުރަން ޖެހޭނެ އެވެ. އެގޮތުން ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދެ އެއާޕޯޓަކާއި އުރުދުން، މިސްރު، ތުރުކީ، ކުވައިތު، މަޣުރިބު އަދި ގަތަރުގެ އެއާޕޯޓުތަކުން އެގަވާއިދަށް އަމަލު ކުރަން ޖެހޭނެ އެވެ.

އަދި އިޖިޕްޓްއެއާ، އެމިރޭޓްސް އެއާލައިން، އިއްތިހާދު އެއާވޭސް، ކުވޭތު އެއާވޭސް، ގަތަރު އެއާވޭސް، ރޯޔަލް އެއާ މޮރޮކޯ، ރޯޔަލް ޖޯޑާނިއަން އެއާލައިންސް، ސައުދީ އަރަބިއަން އެއާލައިންސް އާއި ޓާކިޝް އެއާލައިންސް އިން އެގަވާއިދާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

އިނގިރޭސިވިލާތަށް ދާ ފްލައިޓުތަކުގެ ތެރެއިން ފޯނު ނޫން އެހެން އިލެކްޓްރޯނިކް ޑިވައިސްތައް އެރުވުން މަނާ ކުރި ފްލައިޓުތައް ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ތުރުކީ، ލުބުނާން، އުރުދުން، މިސްރު، ތޫނިސް އަދި ސައުދީ އަރަބިއާ ހިމެނެ އެވެ.

އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެމެރިކާ އިން އެފަދަ ފިޔަވަޅެއް އެޅީ ޓެރަރިސްޓު ގުރޫޕުތަކުން އެއާލައިންތަކާއި އެއާޕޯޓުތަކަށް ހަމަލާ ދިނުމުގެ ނުރައްކާ އޮތުމުންނެވެ. އެގޮތުން އަލް ގައިދާއިން ދަނީ އިލެކްޓްރޯނިކް އާލާތްތަކުގެ ބެޓެރީގަ އާއި ބެޓެރީ ކޮމްޕާޓްމެންޓުގައި ގޮވާތަކެތި ހަރުކުރާނެ ގޮތްތައް ހޯދަމުންކަން އެމެރިކާ އަށް އެނގިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. (ސީއެންއެން)