22 Mar 2017, 10:42
ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅޭ ކޮންމެ މެޗަކީވެސް ފައިނަލް މެޗެއް ކަމަށާއި މިވަގުތު ވިސްނުން ހުރީ ހަމައެކަނި ކިރްގިސްތާންއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން މޮޅުވުމަށް ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފިއެވެ.
މިއަދު ހަވީރު ކިރިގިސްތާން ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޭ ނޫސްވެރިންނަށް މައުލޫމާތުދެމުން ޝަރަފް ބުނީ، ޓީމު އޮތީ ތައްޔާރަށް ކަމަށާއި މިއަދު ކުޅޭ މެޗަކީވެސް އަދި ކުރިއަށް އޮތް ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށެވެ.
"ކިރްގިސްތާންއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމުގެ ހުރިހާވެސް ވިސްނުމެއް މިހުރީ. ކިރްގިސްތާން އަތުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ޓީމުން ކުރާނެ،" ޝަރަފް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މިފަހަރު ތައްޔާރުވެނުނު މިންވަރާ އަޅައިބަލާއިރު ކާމިޔާބީ ނުހޯދެންވީ ސަބަބެއް ނެތް ކަމަށާއި މުބާރާތުގައި ވާދަކުރާ ޓީމުތަަކަކީ އެއް ފެންވަރުގެ ޓީމުތަކެއް ކަމަށެވެ. އަދި މީގެކުރިން ރާއްޖެ މި މުބާރާތުގެ ފައިނަލުގައި ދެފަހަރު ކުޅެފައިވާއިރު އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ނުހޯދެންވީ ސަބަބެއް ނެތް ކަމަށް ވެސް ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން ކޯޗު ޝަރަފް ބުންޏެވެ.
"ކާމިޔާބީ ހޯދޭނީ ހަތްވަނަ ކުޅުންތެރިޔާގެ އެހީއާއެކު. އަޅުގަނޑު ޝައްކެއް ނުކުރަން މިއަދު ގައުމީ ޓީމަށް ސަޕޯޓަރުންގެ އެހީ ލިބޭނެ ކަމާމެދު،" ޝަރަފް ބުންޏެވެ.
މުބާރާތަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ތައްޔާރުވާތާ ދުވަސްތަކެއް ވެފައިވާއިރު ގައުމީ ޓީމުންވަނީ ތައިލޭންޑުގައި ކޭމްޕްކޮށް އެ ގައުމުގައި އެކުވެރިކަމުގެ ހަ މެޗެއް ކުޅެފައެވެ.