ވޮލީ ބޯޅައިން މިހާތަނަށްވެސް ރަން މެޑައްޔެއް ނުލިބި އޮތީ ޓީމުގެ ހަތްވަނަ ކުޅުންތެރިޔާ ނުލާ ކުޅޭތީ ކަމަށާއި ނަމަވެސް މިއަދު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ހަތްވަނަ ކުޅުންތެރިޔާގެ ފުރިހަމަ ބައިވެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކިރްގިސްތާންއާ ރާއްޖެ ބައްދަލުކުރާ މެޗާ ގުޅޭ ގޮތުންސަން ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ، މިހާތަނަށް ގައުމަށް ރިހި މެޑައްޔަކާއި މުބާރަތެއްގެ ތިންވަނަ މަގާމު ވޮލީ ބޯޅައިން ލިބިފައިވާ ކަމަށާއި ރަން މެޑައްޔަކާ ހަމައަށް ދިއުމަށް މިއަދު ފަށާ ދަތުރުގައި އެންމެ އިސް ރޯލެއް އަދާކުރެވޭނީ ހަތްވަނަ ކުޅުންތެރިޔާ ކަމަށްވާ، ދިވެހި ސަޕޯޓަރުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ، ކުޅުންތެރިން ތިބީ ކޯޓު ތެރޭގައި ދައްކަން ޖެހޭ ހިތްވަރެއް އެންމެ މަތީ ދަރަޖައަށްވެސް ދައްކަން ކަމަށާއި ކޯޓު ތެރެއިން ހޯދާ ކޮންމެ ޕޮއިންޓެއްގައިވެސް ސަޕޯޓަރުންގެ ހިއްސާ އޮންނާނެ ކަމަށެވެ.

"އަޅުގަނޑު އެދެން ހަތްވަނަ ކުޅުންތެރިޔާގެ އެހީ ގައުމީ ޓީމަށް ދިނުމަށް، ޓީމު އޮތީ ތައްޔާރަށް. ސަޕޯޓަރުންގެ ހިތްވަރުން ވޮލީ ބޯޅައިން ރަން މެޑައްޔެއް ނުހޯދެންވީ ސަބަބެއްނެތް،" ލަތީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު ފެތުރެމުންދާ ރޯގައިގެ ސަބަބުން މާބަނޑު މީހުންނާއި ކުޑަކުދިން މެޗު ބަލަން ނުދިއުމަށް އެދޭ ކަމަށާއި މުބާރާތް ބާއްވާ ދަނޑިވަޅަކީ ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާ ވަގުތެއްކަމުން އެސޯސިއޭޝަނުން އެކަމަށް ހާއްސަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާނެ ކަމަށެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ލަތީފް ވިދާޅުވީ، ޖެނުއަރީ މަހު ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ވޮލީ މުބާރާތަށްވުރެ މިފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ވަރަށް ބޮޑުތަން ރަނގަޅު ވާނެ ކަމަށާއި މުޅި ވޮލީ އާއިލާ ގުޅިގެން މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވޭ ކަމީ މުޅި ވޮލީ އާއިލާއާ މެދު ފަހުރުވެރިވާ ކަމެއް ކަަމަށެވެ.

"މުޅި ވޮލީ އާއިލާގެ މަސައްކަތަށް ފަހުރުވެރިވަން. އަޅުގަނޑުމެންނަށް ސާބިތު ކޮށްދެވިއްޖެ. މަސައްކަތް ކޮށްފިނަމަ ރާއްޖޭގައިވެސް ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވި ދާނެކަން،" ލަތީފް ވިދާޅުވިއެވެ.

މިއަދު ހަވީރު އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ފަށާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކިރިގިސްތާންއާ ދިވެހިރާއްޖެއެވެ. އެ މުބާރާތުގެ ޓިކެޓް މިހާރުވެސް ޕީއެސްއެމްގެ ކައުންޓަރުންނާއި ޒުވާނުންގެ މަރުކަޒުން ލިބެން ހުންނާނެ ަކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.