ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއި މައިނޯރިޓީ ބަދަލުވުމުން ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލަ އިތުރަށް ހައްލު ކުރަން މަޝްވަރާކުރަން ނިންމުން ވެސް ކުރިއެރުމެއް ނުލިބި، ކޮމެޓީތަކުގެ މައްސަލަ އެންމެ ފަހުން މަޖިލީހުގެ ތަޅުމަށް ގެންދަން ނިންމައިފި އެވެ.

ކޮމެޓީތަކުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ރައީސް ގެ މޭޒުންކޮޅުން ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ. މާދަމާގެ އެޖެންޑާގައި ހިމަނައި "މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ" މައްސަލަ ތަޅުމަށް ގެންދިޔައަސް މައްސަލައިގައި މަޖިލީހުގެ ތަޅުމުން ހައްލު ހޯދާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މާދަމާގެ ޖަލްސާގައި ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރާނީ މިނިވަން މެންބަރުން ކޮމެޓީތަކަށް ބަހާލުމުގައިތޯ ނުވަތަ ހުރިހައި ޕާޓީތަކުގެ މެންބަރުން ކޮމެޓީތަކަށް ބަހައިލުމާ ބެހޭ ގޮތުން ކަމެއް އަދި ނޭންގޭ ކަމަށެވެ. ނަމަވެސް މާދަމާގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހުގައި ކަމަށް އަމީންއާންމު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( މިއަދު ވިދާޅުވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ކޮމެޓީތަކުގެ މައްސަލައިގައި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބެއްޖެނަމަ ތަޅުމަށް މައްސަލަ ގެންނަން ރިޔާސަތުން ނިންމި ނަމަވެސް އެ ދުވަހުން ފެށިގެން އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާ ކަމަށެވެ. އަދި ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރުމަށް "ކޮންމެހެން" އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނަން ނުޖެހޭނެ ކަމަށާއި ކޮމެޓީތަކުގެ މެންބަރުން ބަހާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ޑީއާރްޕީން ބުނީ ކޮމެޓީތަކުގެ މެންބަރުން ބެހުމުގައި އިދިކޮޅު ފަރާތްތަކަށް "ހީނަރު"ކަމެއް ލިބޭނަމަ އެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ މަޖިލީހުގެ ތިން މެންބަރުންގެ ހިމެނޭ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުން ކަމަށެވެ. އަދި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށްޓަކާ ޑީއާރްޕީގެ ކައުންސިލްގެ ރުހުން ހޯދުމަށް މިރޭ ކުއްލި ޖަލްސާއެއް ބާއްވާނެ ކަމަށް ޑީއާރްޕީން ވަނީ އިއުލާންކޮށްފަ އެވެ.

ޑީއާރްޕީ/ޕީއޭ ކޯލިޝަނާއެކު މަޖިލީހުގައި އެއްބާރުލުން ދިނުމަށް ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށްޓަކާ ޑީއާރްޕީ ކައުންސިލުން ރުހުން ދިނުމުގެ މައްސަލައަށް މިރޭ ގޮތެއް ނިންމާއިރު، ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ އެ ކޯލިޝަން ހެދުމަށް ރުހުންދީފަ އެވެ.

ޑީއާރްޕީ/ޕީއޭ އިން ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަންއަކަށް ހިގައްޖެނަމަ މަޖިލީހުގެ ކޮމެޓީތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބޭނެނެ އެވެ. އެ ގޮތުން މިހާރު މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް މިހާރު މަޖިލީހުގައި ލިބިގެންދެ އެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރޭއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިފިނަމަ ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ފަސް ގޮނޑި ލިބޭނެ އެވެ.