އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ނޭޕާލް ޓީމު ރާއްޖެއައީ ރަން މެޑައްޔެއް ހޯދަން ކަމަށާއި ކުޅުންތެރީންނާއި މުޅި ޓީމުވެސް އޮތީ އެއް އަޒުމެއްގައި، އެ އަމާޒް ހާސިލް ކުރުމަށް މަސައްކަތް ކުރުމަށްކަމަށް ނޭޕާލް ޓީމުގެ ހެޑް ކޯޗް ޖަގްދީޝް ބުނެފިއެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޓެކްޓިކަލް މީޓީން އަށްފަހު ނޫސްވެރީންނާ ވާހަކަދައްކަމުން ނޭޕާލް ޓީމުގެ ހެޑް ކޯޗް ޖަގްދީޝް ބުނީ މުޅި ޓީމުގެ ވެސް އޮތީ އެއް އަމާޒެއް ކަމަށާއި އެއީ ރަން މެޑަލް ހޯދުން ކަމަށެވެ. އަދި މުބަރާތުގައި ވާދަކުރަނީ ވަރުގަދަ ޓީމުތަކެއް ކަމަށާއި އުންމީދަކީ ހުރިހާ ޓީމެއްވެސް ބަލިކޮށް ހާސިލް ކުރަން އައި މަގާމު ހާސިލް ކުރުން ކަމަށެވެ.

" މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި އަހަރަމެން ވާދަކޮށްފިން މި މުބާރާތުގައިވެސް ވާދަކުރާން ޖެހޭ ޓީމު ތަކާ. ކުރިއަށް ވުރެ އަހަރަމެންގެ ޓީމު ވަރުގަދަވާނެ އެތައް ތަނެއް،" ޖަގްދީޝް ބުންޏެވެ.

މުބާރާތަގައި ވާދަކުރާ ރާއްޖޭގެ ޓީމާ ގުޅޭ ގޮތުން ޖަގްދީޝްބުނީ ވޭތުވެދިޔަ 10 އަހަރު ތެރޭ ރާއްޖޭގެ ޓީމުން ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އަމިއްލަ ގައުމުގައި މި މުބާރަތް ކުޅުން ކަމަށެވެ.

ޖަގްދީޝްބުނީ ކޮންމެ ޓީމަކީވެސް ނޭޕާލަށް ވަރުގަދަ ޗެލެންޖެއް ކުރިމަތި ކުރުވާނެ ޓީމެއްކަމަށާއި ނަމަވެސް އެޓީމުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލް އެންމެ ފުރަތަމަ ކުޅޭ މެޗުގައި އެޓީމު ނުކުންނާނީ ތުރުކެމެނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.