ރާއްޖޭގެ ގައުމީ ވޮލީބޯލް ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ގަބޫލުކުރާ ކަމަށާއި ފުރަތަމަަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅުމަކީ ޓީމަށް އޮތް ޕްރެޝަރެއް ނަމަވެސް އުންމީދަކީ މި މެޗުން މޮޅުވެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް ކިރްގިސްތާން ޓީމުގެ އެސިސްޓެންޓް ކޯޗު ކްލިޗް ބުނެފިއެވެ.

ރާއްޖޭގައި މާދަމާ ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލިޗް ބުނީ ރާއްޖޭގެ ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވެފައިވަނީ ވަރަށް ވަރުގަދައަށްކަމަށާއި މާދަމާގެ މެޗުގައި ރާއްޖޭގެ ޓީމު އަތުން ނަތީޖާ ނެރެން ފަސޭހަ ނުވާނެކަމަށެވެ.

"ބޯޅައަކީ ވަށް އެއްޗެއް. އެހެންވީމާ ކޮންމެ ބަޔަކަށްވެސް އެބައޮތް މޮޅުވުމުގެ ފުރުޞަތު. އަމިއްލަ ގައުމުގައި ކުޅޭތީ ވަރަށް ބައިވަރު އެޑްވާންޓޭޖް އެބައޮތް ދިވެހި ޓީމަށް. ނަމަވެސް މާދަމާމެޗުގައި އަހަރަމެން ދުލެއް ނުދޭނަން، ކުޅޭނީ މޮޅުވާން،" ކްލިޗް ބުންޏެވެ.

ކިރްގިސްތާން ވޮލީ ފެޑެރޭޝަންގެ ޖެނެރަލް ސެކެރަޓަރީކަން ވެސް ކުރަމުންދާ ކްލިޗް ބުނީ މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ލިބުމަކީ ފަހުރެއްކަމަށާއި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭ ޓީމާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ރާއްޖެއަށް މި މުބާރާތް ކުޅެން ކިރްގިސްތާން ޓިމު އައީ އެމީހުންގެ ގައުމީ މުބާރާތް ނިމުނުތާ ދެ ހަފްތާ ފަހުން ކަމަށާއި އެހެންކަމުން އެ ޓީމަށް ވެސް މުބާރަތަށް ރަނަގަޅަށް ތައްޔާރުވެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ޓީމުގައި ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ ރަން މެޑަލް ހިފައިގެން އަނބުރާ ގައުމަށް ދިޔުން ކަމަށެވެ.

" އަހަރެމެންގެ ޓީމަށް ބަލާއިރު މިއީ ވަރަށް ޒުވާން ޓީމެއް. ޓީމު އަންނަނީ ކުރި އަރަމުން. ޔަގީނުންވެސް މާދަމާގެ މެޗު ތަފާތުވާނެ. ރަނގަޅު މެޗެއް ފެންނާނެ ކަން ޔަގީން،" ކްލިޗް ބުންޏެވެ.

ރާއްޖެއާ ކިރްގިސްތާން އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ބަންގުބަންދު އިންޓަނޭޝަނަލް ވޮލީ މުބާރާތުގައެވެ. އެފަހަރު ކިރްގިސްތާނު އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މުބަރާތުގެ ދެވަނަ ހޯދީ ކިރްގިސްތާނެވެ.