ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެވުނު އިރު ފިލްމުތައް ކުޅެ އުޅުނީ އެވޯޑަކަށް ވިސްނައިގެން ނޫން ކަމަށް ކުޅަދާނަ އެކްޓަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ބުނެފިއެވެ.

ދިވެހި ފިލްމު "ނަތީޖާ"އިން ފިލްމީ ދާއިރާއަށް ތަރާއަފްވި ރަޝީދު 'ސަން' އާ ވާހަކަދައްކަމުން ބުނީ، އޭނާ އެއްވެސް އިރެއްގައި ފިލްމެއް ކުޅެނީ އެވޯޑަކަށް ވިސްނައިގެން ނޫން ކަމަށާއި އޭނާ އަށް ވުރެ މާ ގާބިލް، އަދި މާ ހުނަރުވެރި މީހުންވެސް އެބަތިބި ކަމަށެވެ.

"އެއްވެސް އިރެއްގަ އެހެން ވިސްނައިގެން ނޫން ފިލްމުތައް ކުޅެނީ. އަޅުގަނޑަށް ވުރެ މާ ގާބިލް މީހުން ވެސް އުޅޭނެ. އަޅުގަނޑު ފިލްމު ކުޅެނީ ކޮންމެހެން އެވޯޑު ހޯދުމުގެ އުންމީދެއްގަވެސް ނޫން،" ގިނަ އަދަދެއްގެ ވިޑިއޯ ލަވަތަކުންވެސް ފެނިފައިވާ ރަޝީދު ބުންޏެވެ.

އަޅުގަނޑަށް ފޭނުންގެ ފަރާތުން ލިބޭ ކޮމެންޓްސް ތަކާއި އެމީހުންގެ ފަރާތުން ލިބޭ ސަޕޯޓަކީ އަޅުގަނޑަށް ލިބޭ އެވޯޑަކީދަރާ ރަޝީދު

ދަރާ ރަޝީދު ކުޅެފައިވާ ލަަވައެއް---

ރަޝީދު ބުނީ، އެވޯޑު ހޯދުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ އޭނާ ކުރާ މަސައްކަތެއް ދެފަރާތުންވެސް ހިތް ހަމަޖެހޭ ފެންވަރުގައި، ގާބިލްކަން އެންމެ މޮޅަށް ދައްކައިގެން ނިންމުން ކަމަށެވެ. އަދި އޭނާގެ ފޭނުންގެ ފަރާތުން ލިބޭ ސަޕޯޓަކީ އޭނާއަށް ލިބޭ އެވޯޑްސް ކަމަށް ބުންޏެވެ.

"އަޅުގަނޑަށް ފޭނުންގެ ފަރާތުން ލިބޭ ކޮމެންޓްސް ތަކާއި އެމީހުންގެ ފަރާތުން ލިބޭ ސަޕޯޓަކީ އަޅުގަނޑަށް ލިބޭ އެވޯޑަކީ،" ރަޝީދު ބުންޏެވެ.

އޭނާ ބުނަނީ، ފިލްމީ ދާއިރާގައި އޭނާ ކުރިޔަށް ދިޔުމަށް އެންމެ ސަޕޯޓް ދޭ ބަޔަކީ ފޭނުން ކަމަށާއި އަބަދުވެސް އެ ފޭނުން ތިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ކައިވެނީގެ އަމަޒު ކަމުގާ" އާއި "މޭގާވީ އަލިކުރި ނޫރަކީ މަލޭ" ފަދަ ލަވަތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރަޝީދު ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް 30 އަށް ވުރެ ގިނަ ފިލްމުގައި އޭނާގެ މޮޅު ހުނަރު ދައްކާފައެވެ.

އަމްޖޭގެ ފިލްމު "ގިލަން" ގެ ބައެއް ތަރިން. އެ ފިލްމުގައި ދަރާ ރަޝިދު ފެނިގެންދާނެ---

މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ލޫދިފާ" ގައި ސީރިއަސް ރޯލެއް ކުޅެފައިވާ ރަޝީދު ފިލްމުތަކުން ފެންނަލެއް މިހާރު މަދުވުން އެއީ އޭނާގެ ފޭނުން ކުރާނެ ޝަކުވާއެކެވެ. އޭނާ ބުނަނީ ފިލްމީ ދާއިރާއާ ދުވަހަކުވެސް ދުރަށް ނުދާނެ ކަމަށެވެ.

" ވަޒީފާގަ އުޅެމުން މިދާއިރާއަށް ވެސް ވަގުތު ދެމުން ދަނީ. ކިތަންމެ ފަހަރަކު އުޅުނިން ފިލްމީ ދާއިރާއާ ދުރަށް ދާން. އެކަމަކު ހަމަ ނުދެވޭނެ. އަޅުގަނޑު ވަރަށް ލޯބިވާ ދާއިރާއެއްމީ،" އެންމެ ކުރީންސުރެވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަކަން ފާހަގަކުރަމުން ރަޝީދު ބުންޏެވެ.

ގިނަ ފިލްމުތަކުގައި ސީރިއަށް ރޯލު ތަކުން ފެނިފައިވާ ރަޝީދު ބުނީ ދެން އެންމެ ބޭނުންވަނީ މީހުން ހެއްވާލާނެ ވަރުގެ "ކޮމެޑީ" ރޯލަކުން ފެނިލަން ކަމަށެވެ.

ދަރާ ރަޝީދުގެ ކުރީގެ ލަވައެއް. މިއީ ވަރަށް ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެއް---

"ލޫދިފާ" އަށް ފަހު ފާތިމަތު ނަހުލާގެ ޑްރާމާ ސީރީޒް، "އަދިވެސް ތި ލޯތްބަށް ގަދަރު ކުރަން" އިން ރަޝީދު ފެނިފައިވާއިރު މި އަހަރު ސިނަމާގައި އަޅުވާ ފިލްމުތަކުންވެސް އޭނާ ފެންނާނެއެވެ. އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ބިރުވެރި ފިލްމު "ގިލަން" އިން އޭނާގެ އެކްޓިން ފެނިގެންދާއިރު އެ ފިލްމު އޮލިމްޕަހަށް މިއަހަރު ތެރޭ އަންނާނެ އެވެ. އަދި މިއަހަރު ތެރޭ އޭނާގެ އިތުރު ތިން ޕޮރްޖެކްޓެއްގެ މަަސައްކަތް ފަށާނެ ކަމުގެ އުފާވެރި ހަބަރުވެސް އޭނާ ދިނެވެ.

ފިލްމު ތަކުން މިހާރު ރަޝީދު ފެންނަލެއް މަދުވިޔަސް އޭނާ މި ދާއިރާ އިން އޮބާލީކީ ނޫނެވެ. ރަޝީދު ބުނަނީ "ހުރިހާ ފޭނުން ވެސް ފިލްމުތައް ބަލަން އަނެއްކާވެސް ތައްޔާރުވާށޭ،" އެވެ.