03 Jul 2011, 17:22
ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ރޭޑިއޯ ސްޓޭޝަން ދިއެފްއެމުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރި ޚަބަރަކާ ގުޅިގެން، އެ ސްޓޭޝަންގެ ނިއުސް އެޑިޓަރު ހަ މަސް ފަހުން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް، ޚަބަރުގެ މަސްދަރު ހާމަކުރުމަށް ފުލުހުން އަންގާފައިވާ ކަމަށް ދިއެފްއެމް އިން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ގެއްލިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މުވައްޒަފަކާ ހާވާލާދީ ޑިސެންބަރު، 29، 2010ގައި އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރި ހަބަރަކާ ގުޅިގެން ފުލުސް އޮފީހަށް މިއަދު ހާޒިރު ކުރީ އެ ސްޓޭޝަންގެ ނިއުސް އެޑިޓަރު މުހައްމަދު ޖިނާހު އަލީ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޕަބްލިކް އެގްޒަމިނޭޝަން އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ގެއްލިގެން ހޯދަމުންދަނިކޮށް އެ ޕޭޕަރުތައް ފެނުނީ "މަސް ކޮންޓެއިނަރެއްގެ ތެރެއިން" ކަމަށް ބުނެ، ޕަބްލިކް އެގްޒަމިނޭޝަންގެ މުވައްޒަފަކާ ހަވާލާދީ ދިއެފްއެމް އިން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އަދި އެ ހަބަރަކީ ދޮގު މައުލޫމާތު ދީގެން ފަތުރާފައިވާ ހަބަރެއް ކަމަށް ޕަބްލިކް އެގްޒަމިނޭޝަންސް އިން ތުހުމަތު ކުރެ އެވެ.
ފުލުސް އޮފީހުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ޖިނާހު މިއަދު ހާޒިރުކޮށް ފުލުހުން ކުރިމަތި ކުރުވި ސުވާލުތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ގެއްލުނު މައްސަލާގައި މައުލޫމާތު ދިން ފަރާތުގެ މަސްދަރު ހާމަ ކުރުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. އަދި އެ ހަބަރަކީ ދޮގު ހަބަރަކަށްވާ ނަމަ ގާނޫނުލްއުކޫބާތުގެ 125 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.
"ފުލުހުން އެ ސުވާލު ކުރުމުން އަޅުގަނޑު ބުނިން މިހާރު ތިޔަ ޚަބަރުގެ މަތިން އަޅުގަނޑު ހަދާނެއް ވެސް ނެތޭ. އަދި އެފަދަ މައުލޫމާތެއް ދިން ފަރާތެއްގެ ސޯސް ވެސް ހާމަ ނުކުރެވޭނެ ކަމަށް. އެއީ ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކޮށް މަސްދަރު ހާމަ [ކުރަން ލާޒިމު ނުކުރާތީ]. އަޅުގަނޑުމެންނަށް އެ މައުލޫމާތު ހާމަކުރެވޭނީ ހަމައެކަނި ޝަރުއީ މަރުހަލާގައި ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ޖިނާހު ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީ ފާސްކުރުމުގެ އެތައް ޒަމާނެއް ކުރިން ފާސްކޮށްފައިވާ، ގާނޫނުލް އުގޫބާތުގެ 125 ވަނަ މާއްދާގައި ބުނެފައި ވަނީ ހަދަހަދައިގެން ވާހަކަ ދައްކައިފި ނަމަ ނުވަތަ އިވުނު ވާހަކައެއް ދެއްކި މީހަކު ސާބިތުކޮށް ނުދެވޭ ގޮތުގައި ދައްކައިފި ނަމަ، އެ މީހެއްގެ އަދަބަކީ މަދުވެގެން އެއް މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދު މުއްމަދަތަށް ގޭގައި ބަންދު ކުރުމެވެ. ނުވަތަ 25ރ. އާއި 200ރ. ދެމެދުގެ ޖޫރިމަނާއެއް ކުރުމެވެ.
ޖޫން 15، 1968 ގައި ތަސްތީގު ކުރި ގާނޫނުލްއުކޫބާތުގެ 125 ވަނަ މާއްދާގައި އެހެން ބުނެފައިވާއިރު ފެހި ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ބަނާކޮށް ބުނަނީ "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ" ކަމަށެވެ.
ދިއެފްއެމްގެ ނިއުސް އެޑިޓަރު ފުލުސް އޮފީހަށް ހާޒިރުކޮށް ޚަބަރުގެ މަސްދަރު ހާމަ ކުރުމަށް ފުލުހުން ސުވާލު ކުރި ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ސަން އަކަށް ކަށަވަރެއް ނޮކޮށްދެ އެވެ. އޭނާ ވިދާޅުވީ ދިއެފްއެމް އިން އެ ދުވަހު ދޮގު ޚަބަރެއް ގެނެސްދީފައިވާ ކަމަށް ބުނެ ޕަބްލިކް އެގްޒަމިނޭޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން، ތަހުގީގުގައި ފުލުހުން ކުރަން ޖެހޭ ސުވާލެއް ކުރާނެ ކަމަށެވެ.
"މިކޮޅަށް ހުށަހެޅިފައި އޮތް މައްސަލައަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ޚަބަރެއް )ދިއެފްއެމް އިން( ކިޔައިގެން. އެކަން ބަލައި ތަހުގީގުކޮށްދިނުމަށް އެދިފައި ވަނީ. ހުށަހަޅާފައިވާ ކަންތައް ސާފުކުރުމަށް މިކޮޅުން)ފުލުހުން( ސުވާލު ކުރަމުންދާނެ،" ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވި އެވެ.