13 May 2010, 10:24
14:30
ފަސެންޖަރުން ހިތްހަމަނުޖެހޭނަމަ ލަވަ އާއި ސީޑީ ޓެކްސީތަކުގައި ޖެހުން މަނާކޮށް އަދި ޓެކްސީކޮށްދޭ އަގުތައް އެނގޭނެހެން ޓެކްސީތަކުގެ ތެރޭގައި ބޯޑެއް ބެހެއްޓުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު ހަލީމް މިއަދު ވިދާޅުވީ މިގޮތަށް ހަމަޖެއްސީ މިފަހަކަށް އައިސް ބައެއް ޓެކްސީތަކުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އަގު ބޮޑުކޮށް ޓެކްސީ ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން، ޓެކްސީ ސެންޓަރުތަކާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. ހަލީމް ވިދާޅުވީ ޓެކްސީތަކުގެ ތެރޭގައި އެމިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް ފެތޭ ގޮތަކަށް ޓެކްސީކޮށްދޭ އަގުތައް އެނގެން ހުންނާނެ ބޯޑެއް ތައްޔާރުކުރުމަށް ސެންޓަރުތަކަށް މިހާރު އަންގާފައިވާ ކަމަށާއި އަންނަ ހަފްތާއިން ފެށިގެން އެ ބޯޑުތައް ފެންނާނެހެން ބެހެއްޓުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ހަލީމް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެންމެ ފަހުން އެމިނިސްޓްރީން ޓެކްސީތަކުގެ އަގު ބޮޑުކޮށްފައި ވަނީ 2008 ވަނަ އަހަރު ކަމަށާއި އޭގެފަހުން ހަމަޖައްސާފައިވާ އަގުތަކަކީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށް 25 ރުފިޔާ އާއި ރޭގަނޑު ބާރައިން ހެނދުނު ހަޔަކަށް 30 ރުފިޔާ އާއި، ދާގީނާ ލައިގެން ކުރާ ދަތުރެއްނަމަ އިތުރަށް ފަސް ރުފިޔާ ނެގުމުގެ އިތުރުން އެއްގަޑިއިރުގެ ދަތުރެއް ނަމަ 130 ރުފިޔާ ކަމަށް. ނަމަވެސް ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކުން ދަތުރެއް ކޮށްދޭ އަގު 20 ރުފިޔާއަށް ބަދަލުކުރި ކަމަށާއި ނަމަވެސް ރަސްމީކޮށް އެ އަގަށް މިނިސްޓްރީން ބަދަލުކުރުމަށް ޓެކްސީ ސެންޓަރުތަކުން ތަފާތު ސަބަބުތަކާ ހުރެ ބޭނުންވެފައިނުވާ ކަމަށްވެސް ހަލީމް ވިދާޅުވި އެވެ. ވީމާ އެ މިނިސްޓްރީން މީގެ ފަހުން ދޭތެރެދޭތެރެއިން ޓެކްސީގެ އަގުތައް އާއްމުންގެ މައުލޫމާތަކަށްޓަކައި އިޢުލާންކުރަމުން ގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިބަދަލު ގެނެސްފައި މިވަނީ ޓެކްސީތަކުން ވަކިން ހާއްސަކޮށް އެއާޕޯޓް ފެރީ ސަރަހައްދުން ޓެކްސީ ނަގާ ފަރާތްތަކުން ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން ފައިސާ ނަގަމުންދާކަމުގެ ޝަކުވާ އާއްމުންގެ ކުރަންފެށިތާ މާގިނަ ދުވަސްތަކެއްނުވެ އެވެ.