ރެއާލް ދޫކޮށް މޮރީނިއޯ ހިނގައްޖެނަމަ ކްލަބުގައި މަޑުކުރަން ބޭނުން ނުވާކަމަށާއި އެހެންވެޖެ ނަމަ މެންޗެސްޓާ ސިޓީއާ ގުޅެން ޝައުގުވެރިވާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މޮރީނިއޯ ރެއާލްއާ ވަކިވެދާނެ ކަމަށް މީޑިއާގައި ވާހަކަ ފެތުރިފައިވާތީ، އިއްޔެ އީއެސްޕީއެންއަށް ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، މޮރީނިއޯ ހިނގައްޖެ ނަމަ، ވިސްނުން ހުރީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ދިއުމަށް ކަމަށެވެ.

"ސްޕެއިން ދޫކޮށް އަހަރެން ދާނަމަ ދެން ފެންނާނީ އަނެއްކާ ވެސް ޕްރެމިއާ ލީގުގެ ކްލަބަކުން. އެކަމަކު އަންނަ ސީޒަންގައި ނުފެނިދާނެ. އޭގެ ކުރިން ރެއާލް މެޑްރިޑްއާއެކު ޗެމްޕިއަންސް ލީގް ހޯދަން ބޭނުން. އަންނަ ސީޒަނަށް ރެއާލް މެޑްރިޑްގެ ސްކޮޑް ވަރަށް ވަރުގަދަ ވާނެ. ޕްރެމިއާ ލީގަށް އެނބުރިދާނަމަ ފެންނާނީ ލަންޑަން ކްލަބެއް ނޫން އެހެން ކްލަބަކުން،" ރޮނާލްޑޯ އިއްޔެ އީއެސްޕީއެން އަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ދާދި ފަހުން މޮރީނިއޯއާއި ރޮނާލްޑޯއާ ދެމެދު މައްސަލަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނަމުންދިޔަނަމަ ވެސް މިހާރު ފެނިގެންދަނީ މޮރީނިއޯއާއެކު މަސައްކަތް ކުރަން ބޭނުންވާކަމުގެ ނިޝާންތަކެވެ.

"ކޯޗް މޮރީނިއޯ ރެއާލް މެޑްރިޑާއިއެކު ދެމިހުންނާނެ. އެހެންވީމަ އަހަރެންވެސް ކްލަބުގައި މަޑުކުރާނަން. މޮރީނިއޯ ޗެލްސީއަށް އެނބުރި ދާނަމަ އަހަރެންވެސް ރެއާލް މެޑްރިޑް ދޫކޮށް މެންޗެސްޓާސިޓީއަށް ދާނަން،" ރޮނާލްޑޯ ބުންޏެވެ.

އުމުރުން 26 އަހަރުގެ ރޮނާލްޑޯ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެކޯޑް ޓްރާންސްފާއަކަށް ރެއާލް ބަދަލުވެ އެކުލަބުގައި ކުޅުނު 89 މެޗްގައި 86 ގޯލް ކާމިޔާބު ކޮށްފައި ވެއެވެ.