ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާ އަނބުރާ ސަރުކާރަށް ނެގީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ތ. އެލާގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ވިލާ ޝިޕިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައި ވަނީ އެތަން އަނބުރާ ސަރުކާރުން ނެގީ އެއްބަސްވުމާ ޚިލާފު ބާތިލް ނިންމުމަކުން ކަމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ތ. އެލާ ކުއްޔަށް ދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާ އެކު ވިލާއިން ވެފައިވާ އެމެންޑެޓް އެންޑް ރީ ސްޓޭޓަޑް ލީސް އެގްރީމެންޓު އުވާލާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމެންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެމެންޑެޑް އެންޑް ރީ ސްޓޭޓަޑް ލީޒް އެގްރީމެންޓް ބާތިލްކޮށްފައިވަނީ އެ އެއްބަސްވުމުގެ މާއްދާ އަކާ ހިލާފުވެގެން ނޫން ކަމަށާއި، އެއްބަސްވުން ބާތިލު ކުރީ އޭގެ މަގުސަދާ ޚިލާފުވުމުން ކަމަށެވެ.

އެ ހުކުމުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއް ކަމަށެވެ.