ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗުކަމުން މުހައްމަދު އާތިފް (އާތި) އިސްތިއުފާދީފި އެވެ.

ޔޫވީގެ ކޯޗުކަމުން އާތި އިސްތިއުފާދީފައިވާކަން އޭނާ ވަނީ މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރުކޮށްދީފަ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތި ބުނީ، މިއަހަރު ޓީމެއްގެ ގޮތުގައި ޔޫވީ މަސައްކަތްނުކުރާ ކަމަށާއި އިސްތިއުފާދީފައި ވަނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި އޭނާ ސިފަކުރަނީ މުޅި ކްލަބުގެ ހުރިހާ ފަރާތްތަކެއް ހިމަނައިގެން ކަމަށް ވެސް އާތި ބުންޏެވެ.

"މިދިޔަ އަހަރު ވެސް ޔޫވީއާ ހަވާލުވުމަށްފަހު ބުނަމުން އައި ވާހަކައެއް އަބަދުވެސް ޓީމު މި ކިޔަނީ ޕްރެޒިޑެންޓް ހިސާބުން، މެނޭޖްމަންޓް ހިސާބުން، ކޯޗިން ސްޓާފުންނާ ހިސާބުން، ކުޅުންތެރިންނާ ހިސާބުން އަދި އެހީތެރިވެދޭ ކިޓް މެނޭޖަރު ބޯޅަ ކަލެކްޓްކޮށްދޭ ފެން ގެނެސްދޭ ފަރާތް، އަޅުގަނޑު ޓީމަކަށް ކިޔަނީ އެންމެން ހިމަނައިގެން،" އާތި ބުންޏެވެ.

"މުޅި ޓީމު އެއްކޮށް މަސައްކަތްކޮށްގެން މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ ގަދަ ހަތަރަކަށް ވަދެފައި އެއޮތީ. އެހެން ނަމަވެސް، މިއަހަރު މި ވޭތުވެދިޔަ 52 ޕްރެކްޓިސް އަދި މިހާތަނަށް މިކުރެވުނީ. ޕްރެކްޓިސްތައް ކުރަމުންދިޔައިރު، މުޅި ޓީމު އެއްކޮށް ފަންކްޝަން ކުރާކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

އާތި ބުނީ، މިއަހަރު ޔޫވީން ޓާގެޓަކާއެކު މުބާރާތުގައި ބައިވެރިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ކްލަބުގެ ކޮންމެ ވެސް ޑިޕާޓްމަންޓެއްގެ މަސައްކަތް ކުރިއަށްނުދާ ކަމަށެވެ.

"އެއްގޮތަކަށް ވެސް ޓާގެޓެއް ނެތި ނޫނީ އޮޔާދާ ކަނޑުގަނޑެއްހެން ނޫނީ މިސްރާބެއް ނެތި، ނޫނީ މުބާރާތެއްގައި ޓީމެއް ބައިވެރިވާ ނަމުގައި ބައިވެރިވެލުން، މުބާރާތުން އެއްޗެއް އެޗީވްކުރަން ޓީމެއް ބައިވެރިވުން. މި ބުނި މިސާލުތަކަށް ބަލާފައި އެއްގޮތަކަށް ވެސް ނުފެނޭ ޔުނައިޓެޑް ވިކްޓަރީ ޓީމު އެއްކޮށް މިފަހަރު މަސައްކަތް ކުރަނީ އެއްވެސް ޓާގެޓަކަށް ނުވަތަ އެއްޗެއް އެޗީވް ކުރަންހެނެއް،" އޭނާ ބުންޏެވެ.

ޔޫވީން ފުރަތަމަ ފަހަރަށް އެއްވަނަ ޑިވިޝަންގައި މިދިޔަ އަހަރު ވާދަކުރިއިރު ވެސް އެކްލަބުގެ ކޯޗުކަމުގައި ހުރީ އާތިއެވެ. މިދިޔަ ސީޒަނުގައި އާތި ވަނީ ޔޫވީއަށް ދިވެހި ޕްރިމިއާ ލީގުގެ ހަތަރުވަނަ ޔޫވީއަށް ހޯދައިދީ، އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައިވެއެވެ.