21 Mar 2017, 09:40
ރާއްޖޭގައި ފުރަތަމަ ހުޅުވި ފަސް ތަރީގެ ރިސޯޓްކަމަށްވާ ނިކަ އައިލެންޑް ރިސޯޓް އެންޑް ސުޕާގެ ވެރިޔާ ޖަމްޕިއެރޯ ބެލާޒީ ނިޔާވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މުސްކުޅި ބައްޔަށް ފަރުވާދެމުން ދަނިކޮށް ބެލާޒީ ނިޔާވީ އުމުރުން 88 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު އެވެ.

ނިކަ ރިސޯޓްގެ ވެރިޔާ ޖަމްޕިއެރޯ ބެލާޒީ--
ނިކަ ރިސޯޓުގެ ޖެނެރަލް މެނޭޖާ އަބްދުއްރައްޒާގް އަލީ ސަން އަށް މިއަދު ވިދާޅުވީ ބެލާޒީގެ ހަށިގަނޑު މިއަދު އިޓަލީއަށް ފޮނުވާލާފައިވާ ކަމަށެވެ.
ބެލާޒީ ރާއްޖޭގައި ހިންގަނީ ނިކަ ރިސޯޓް އެކަންޏެވެ. ރައްޒާގް ވިދާޅުވި ގޮތުގައި މާ ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން ބެލާޒީ ނުގެންގުޅޭ އިރު އޭނާ އެރިސޯޓް ދެކުނީ އޭނާގެ ގެއެއްގެ ގޮތަށް ކަމަށެވެ.
"ފަހުން ފަހުން އައިސް ތިން މަހުން އެއްފަހަރު ރާއްޖެ އައިސް އުޅޭ، މުސްކުޅި ބަލީގައި ނިޔާވީ،" ރައްޒާގް ވިދާޅުވި އެވެ.

ނިކަ ރިސޯޓްގެ ވެރިޔާ ޖަމްޕިއެރޯ ބެލާޒީ--
ބެލާޒީގެ އަންހެނުން މިދިޔަ ޑިސެމްބަރު މަހު ނިޔާވެފައިވާ އިރު އޭނާގެ ވިޔަފާރި މިހާރު ހިންގަނީ ދެ ދަރިންނެވެ.
ރާއްޖޭގެ ރިސޯޓެއް ހިންގަން ފެށި އިޓަލީގެ ފުރަތަމަ އިންވެސްޓަރުގެ ޝަރަފް ލިބިފައިވާ ބެލާޒީ ރާއްޖެއަށް އައީ 1977 ހިސާބުގަ އެވެ. ނިކަ ހޮޓެލްގެ ނަމުގައި އެރިސޯޓް އޭނާ ހުޅުވީ 1980 ވަނަ އަހަރު އެވެ. އަދި ފަހުން އޭނާ ވަނީ އެ ރިސޯޓް ފަސް ތަރީގެ ރިސޯޓަކަށް ބަދަލުކޮށްފަ އެވެ. އަދި އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ފަސް ތަރީގެ ރިސޯޓް ވެސްމެ އެވެ.