ހުއްދަ ނުހޯދައި ބިދޭސީންނަށް ކާބޯތަކެތި ވިއްކަމުން ދިޔަ 11 ތަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ )އެމްއެފްޑީއޭ( އިން ބަންދުކޮށްފި އެވެ. މިތަންތަން ބަންދުކުރީ މާލޭގައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ހުރި މިންވަރު ބެލުމަށް އެ އޮތޯރިޓީން ހިންގާ ހާއްސަ އޮޕަރޭޝަންގައި ބަލައި ފާސް ކުރުމަށް ފަހު އެވެ.

އެމްއެފްޑީއޭގެ އޮފިޝަލު، ޖަމީލާ މުހައްމަދު މިއަދު ވިދާޅުވީ ހުއްދަ ނުހޯދައި ހިންގަމުން ގެންދިޔަ ކާބޯތަކެތި ވިއްކާ 11 ތަނެއް ބަންދުކުރީ މިދިޔަ މަހުގެ 27 ން 30 އަށް އެ އޮތޯރިޓީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ބެލިއިރު ހުއްދަ ނުނަގައި ވިޔަފާރި އުސޫލުން އެތަންތަން ހިންގަމުން ގެންދާކަން އެނގިގެން ކަމަށެވެ. ޖަމީލާ ވިދާޅުވީ އެތަންތަނަކީ ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން ހިންގަމުން ގެންދިޔަ ތަންތަން ކަމަށެވެ.

އެމްއެފްޑީއޭ އިން ބަންދުކުރި 11 ތަނުގެ ތެރެއިން 10 ތަނަކީ ހުޅުމާލޭގައި ހިންގަމުން ގެންދާ ތަންތަނެވެ. އަނެއް ތަން ހިންގަމުން ގެންދަނީ މާލޭގަ އެވެ.

" ހުއްދަ ނުހޯދައި ހިންގާތީ އެތަންތަން ވަގުތުން ބަންދުކުރީ، އެތަންތަން އިސްކޮށް ހިންގަން ހުންނަނީ ކޮންމެވެސް ދިވެއްސެއް، އެހެންނަމަވެސް ބިދޭސީން އެތަންތަން ހިންގަން ތިބެނީ،" ޖަމީލާ ވިދާޅުވި އެވެ.

ފުޑް އެންޑް ގްރަގް އެތޯރިޓީން މާލޭގައި ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަންގެ ދަށުން ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މިމުއްދަތުގެ ތެރޭގައި ސަމަންދަރު ކެފޭ ބަންދުކޮށްފައިވާއިރު މިދިޔަ މަހުގެ 29 ގައި ބަންދުކުރި ރެސްޓް ކޯނާ އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މީގެއިތުރުން ރައްކާތެރި "ކާބޯތަކެތި އެންމެންގެ ޒިންމާ" މިނަމުގައި އެއޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހަތާނަށް 316 ތަނެއް ބަލައި ފާސްކޮށްފައިވާއިރު ސާފުތާހިރުކަން ކުޑަވެގެން ބަންދުކުރި 28 ތަނުގެ ތެރެއިން 19 ތަނެއް ވަނީ އަލުން ހުޅުވުމުގެ ހުއްދަދީފަ އެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 88 ތަނެއް ފޮލޯއަޕް ހަދާފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.