20 Mar 2017, 23:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ޕީޕީއެމް އަދި އެމްޑީއޭއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައްދަލު ކުރައްވައިފި އެވެ.
މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ މަސީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަން އެނގިފައިވެއެވެ. ޕީޕީއެމް ޕީޖީ ގްރޫޕްގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން އެކަން ޔަގީންކޮށްދެއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ކިތައް މެމްބަރުން ކަމެއް ސާފެއް ނުވެ އެވެ.
އިދިކޮޅު 25 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅި، މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ 42 މެމްބަރުން ހަމަވެފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ނަމަވެސް ޕީޕީއެމުން ބުނެފައިވަނީ އެ ވޯޓުގައި އިދިކޮޅު ފަރާތްތަކަށް އެންމެ ގިނަ ވެގެންވެސް ލިބޭނީ 25 ވޯޓު ކަމަށެވެ.
މިމަހުގެ 27 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ ތާވަލުކޮށް މިހާރުވަނީ މެމްބަރުންނަށް ނޯޓިސްވެސް ފޮނުވައިފައެވެ.