20 Mar 2017, 16:26
ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާ ރޯގާއަށް ޕޮޒިޓިވް ވެގެން އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން އެޗްވަންއެންވަން އަށް ޓެސްޓްކޮށްފައި ވަނީ 36 މީހެކެވެ. އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 24 މީހެކެވެ.
އެޗްޕީއޭ އިން ބުނީ، އެޗްވަންއެންވަން އަށް ޕޮޒިޓިވް ވި 22 މީހަކު އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ. މިއީ އިއްޔެ އެ އެޖެންސީ އާއްމުކުރި މިދިޔަ ހޮނިހިރު ދުވަހުގެ ތަފާސް ހިސާބާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޗްވަންއެންވަން އަށް ޕޮޒިޓިވްވެ ފަރުވާދެމުން ގެންދިޔައީ 11 މީހަކަށެވެ.
އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ އަދަދު އިއްޔެ ވަނީ މަދުވެފަ އެވެ. އެގޮތުން އަތޮޅު ތެރެއިން މިދިޔަ ހޮނިހިރު ދުވަހު 1181 މީހަކު ދެއްކިއިރު، އަތޮޅު ތެރެއިން އަރިދަފުސް ރޯގާ ޖެހިގެން އިއްޔެ 1094 މީހަކު ދައްކާފައިވެ އެވެ.
މާލެއިން މިދިޔަ ހޮނިހިރު ދުވަހު 728 މީހަކު އަރިދަފުސްރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާއިރު، އެ އަދަދު އިއްޔެ ވަނީ 639 އަށް މަދުވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާުބުތައް ދައްކާ ގޮތުން ސްވައިން ފްލޫ ޖެހިގެން ރާއްޖޭއިން މިހާތަނަށް ތިން މީހަކު ވަނީ ނިޔާވެފައެވެ.
އެ ބަލީގައި އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު، އުމުރުން 26 އަހަރުގެ މީހެކެވެ. އަދި ދެވަނަ މީހަކު މަރުވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އުމުރުން 51 އަހަރުގެ އަންހެނެކެވެ.
ސްވައިން ފްލޫގައި އެންމެ ފަހުން މަރުވެފައި ވަނީ ބަނގުލަދޭޝްގެ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. ބިދޭސީ މީހާ މަރުވީ އައިޖީއެމްއެޗް ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، އިއްޔެ ހަވީރު އެވެ.