20 Mar 2017, 14:39
ސްރީލަންކާގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކުންފުނި ލާފްސް ހޯލްޑިންގްސް އިން ރާއްޖެ އަށް އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ވިސްނަމުންދާކަން އެކުންފުނިން ބުނެފި އެވެ.
ލާފްސްއަކީ ސްރީލަންކާގައި އެކި ދާއިރާތަކުގެ ވިޔަފާރި ކުރާ ބޮޑު ކުންފުންޏެކެވެ. އަދި އެއީ އެ ގައުމުގައި ކެއްކުމަށާއި އުޅަނދުފަހަރުގައި ބޭނުންކުރާ ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)ގެ ވިޔަފާރިކުރާ ހަމައެކަނި އަމިއްލަ ކުންފުންޏެވެ.
ލާފްސް އިން ކުރާ އެކިއެކި ވިޔަފާރިތަކުގެ ތެރޭގައި ގޭހާއި ލޫބްރިކަންޓް ތެލުގެ ވިޔަފާރި ހިމެނޭ އިރު، ދާދި ފަހުން އެ ކުންފުނިން ވަނީ އެ ވިޔަފާރި "ލާފްސް ގޭސް އެންޑް ލޫބްރިކަންޓް"ގެ ނަމުގައި ރީލޯންޗުކޮށްފަ އެވެ.
ލާފްސް ހޯލްޑިންގްސްގެ ޗެއާމަން ހޭމަޗަންދުރަ ވޭގަޕިޓިޔާ ވިދާޅުވި ގޮތުގައި، ލާފްސް ގޭސްގެ ވިޔަފާރި ދެ ގައުމަކަށް ފުޅާކުރުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެ ދެ ގައުމަކީ މިޔަންމާ އަދި ދިވެހިރާއްޖެ އެވެ.
ހޭމަޗަންދުރަ ވިދާޅުވި ގޮތުގައި މިޔަންމާގައި ލާފްސްއިން ކުރަން ވިސްނާފައި ވަނީ ލިކުއިޑް ޕެޓްރޯލިއަމް ގޭހުގެ ވިޔަފާރި އެވެ. އަދި ރާއްޖޭގައި ހިންގުމަށް ބޭނުން ވަނީ އިންޑަސްޓްރިއަލް އަދި އަޑީތެލާއި ލޫބްރިކަންޓް ތެލުގެ ވިޔަފާރި ކަމަށާއި، އެކަމުގެ މަޝްވަރާތައް ވެސް ދަނީ ކުރެވެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ލާފްސް އިން ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގައި ވެސް ލިކުއިޑް ޕެޓްރޯލިއަމް ގޭހުގެ ވިޔަފާރި ކުރެ އެވެ.
ލާފްސް ހޯލްޑިންގްސްގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިތައް ހިންގަމުންދެ އެވެ. އޭގެ ތެރޭގައި ސައިފަތާއި އެހެނިހެން ބުއިންތަކާއި، ސުޕަމާކެޓާއި ރެސްޓޯރަންޓް ޗެއިނެއްގެ އިތުރުން، އިންޖިނިއަރިންގއާއި، ލޮނާއި ރަބަރު އުފެއްދުމާއި، ލޮޖިސްޓިކްސްއާއި ސާވިސް ކުރުމާއި، ޕްރޮޕަޓީ ޑިވެލޮޕްމެންޓް އަދި މެނޭޖްމެންޓް ފަދަ ވިޔަފާރިތައް ހިމެނެ އެވެ.