03 Jul 2011, 16:04
ލ. ގާދޫ ރަށު ކައުންސިލްގެ އިދާރާ ފަޅާލައި އެ ކައުންސިލްގައި ހުރި ތިޖޫރީ ބައިލައްކަ ވަރަކަށް ރުފިޔާއާ އެކު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ގާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ ކައުންސިލްގެ އިދާރާގައި ހުރި ތިޖޫރީ ވަގަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ކަމަށާއި ތިޖޫރީގައި 48،0000ރ. އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ވަގުން ވަދެ، ތިޖޫރީގެ އިތުރަށް ސީނިއާ ފައިނޭންސް އޮފިސަރުގެ މޮޑަމް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
ގާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލް އިދާރާ ތެރެއަށް ވަގުން ވަދެފައި ވަނީ އެ އިމާރާތުގެ ހުޅަނގު ފަރާތު ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން ކަމަށާއި އަދި ތިޖޫރީ ހިފައިގެން ނުކުމެފައި ވަނީ އިމާރާތުގެ ބޮޑު ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ.