20 Mar 2017, 13:26
ރާއްޖޭގައި މިހާރު ހަލުއިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާ ވައިރަސް ނުވަތަ ސްވައިން ފްލޫއަށް ފަރުވާކުރުމާއި، ސްވައިން ފްލޫއާ މެދު ހޭލުންތެރިކުރުމުގެ މަސައްކަތަށް އުރީދޫ މޯލްޑިވްސްއިން އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.
އިއްޔެއާ ހަމައަށް ރާއްޖޭގައި ސްވައިން ފްލޫއަށް 375 މީހަކު ޓެސްޓުކޮށްފައިވާ އިރު، 123 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައެވެ.
އުރީދޫއިން ބުނި ގޮތުގައި، ރޯގާގެ ސަބަބުން އެޗްޕީއޭއިން ނޭޝަނަލް ހެލްތު އެލާޓު ލެވެލް ތިނެއް އިއުލާން ކުރުމާ ގުޅިގެން، އުރީދޫއިން ވަނީ އެކުންފުނިން މި ހާލަތުގައި ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމަކީ ކޮބައިތޯ ކަނޑައެޅުމަށް މިނިސްޓްރީގެ މަޝްވަރާ ހޯދާފައެވެ.
އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި، އެކުންފުނިން ވަނީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު އުރީދޫގެ ކަސްޓަމަރުންނާ އެސްއެމްއެސް އަދި އިންޓަނެޓު މެދުވެރިކޮށް ހިއްސާކުރުމަށް ނިންމައިފައެވެ.
އިންފްލުއެންޒާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ މެޓީރިއަލް ޑިޒައިންކޮށް، ޕްރިންޓު ކޮށްދިނުމާއި، އަދި ރޯގާއިން ސަލާމަތްވުމަށް ބޭނުންވާ ބައެއް ތަކެތި ހެލްތު މިނިސްޓްރީއަށް ހަދިޔާކުރުމަށް ވެސް އުރީދޫއިން ވަނީ ނިންމައިފައެވެ.
އުރީދޫއިން ބުނި ގޮތުގައި، މި އެހީތެރިކަން މިހާރު އެކުންފުނިން ވަނީ ފޯރުކޮށްދޭން ފަށައިފައެވެ.
އުރީދޫ މޯލްޑިވްސްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މިފަދަ ކަންކަމުގައި އެހީތެރިވެދިނުމަކީ އުރީދޫގެ ޒިންމާއެއް ކަމަށެވެ.
"ގައުމީ ފެންވަރުގައި އުރީދޫ ކުރާ މިފަދަ މަސައްކަތްތަކަށް، އަޅުގަނޑުމެންގެ މުވައްޒަފުން ދެެއްވާ ފުރިހަމަ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުއަދާކުރަން،" ނޫރާ ވިދާޅުވިއެވެ.
އުރީދޫއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގައި ހިނގާފައިވާ ބައެއް ކާރިސާތަކާއި، ރާއްޖެއިން ބޭރުގައި ދިވެހީންނަށް އަސަރުކުރާ ފަދަ ގޮތަށް ހިނގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން މާލޭގައި 2014 ވަނަ އަހަރުގެ ފަހުކޮޅު ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން، މޯބައިލް ފޯނު މެދުވެރިކޮށް ފެން ޔުނިޓްތައް ޓްރެކް ކުރެވޭނެ ޚިދުމަތެއް އުރީދޫއިން ފޯރުކޮށްދިނެވެ.
މީގެ އިތުރުން ގދ. ތިނަދޫގައި ކަރަންޓު ކެނޑި ދިމާވި މައްސަލައިގައި އެރަށުގައި ހުރި ބެކަޕް ޖެނެރޭޓަރުތައް ތިނަދޫގެ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޯރުކޮށްދިން އިރު، އެރަށުގައި ފޯނު ޗާޖުކުރުމުގެ ނިޒާމެއްވެސް އުރީދޫއިން ގާއިމުކޮށްދިނެވެ.
ރާއްޖެއިން ބޭރުގައި މައްކާ، ނޭޕާލް، އިންޑިއާ އަދި ޕާކިސްތާން ފަދަ ދިވެހީން ގިނަ އަދަދަކަށް އުޅޭ ހިސާބުތަކުގައި ހިނގި އެކިކަހަލަ ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން، އެތަންތަނަށް ރާއްޖެއިން ހިލޭ ގުޅޭނެ އިންތިޒާމުވެސް އުރީދޫއިން ފޯރުކޮށްދިނެވެ.