މަގުބޫލް އުޒުރެއް ނެތި ކައުންސިލްގެ ދިހަ ޖަލްސާއަކަށް ހާޒިރުވެފައި ނުވާ ކަމަށް ބުނެ ބ. ތުޅާދޫ ކައުންސިލްގައި ޑީއާރުޕީ ތަމްސީލު ކުރައްވާ ހަމައެކަނި މެންބަރު މިއަދު ވަކިކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ލޯކަލް ގޮވަރުމެންޓް އޮތޯރިޓީން އެޓާނީ ޖެނެރަލްގެ ލަފާފުޅުގެ މަތިން ކައުންސިލަށް އަންގާފައިވާ އެންގުމާ އެއްގޮތަށް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޑީއާރުޕީގެ މެންބަރު އުމައިރާ އަބޫބަކުރު ކައުންސިލްގެ މެންބަރުކަމުން ވަކި ކުރި ވާހަކަ މިއަދު އޭނާ އަށް އަންގާފައިވާ ކަމަށެވެ.

"ވަކި ކުރީ އެއްނޫން. އެބޭފުޅާ ވަކިވީ ގާނޫނުގައި ވާގޮތުގެ މަތިން. ލޯކަލް ގަވާރުމެންޓް އޮތޯރިޓީގެ އެންގުން އަޅުގަނޑުމެން އެބޭފުޅާ އަށް އެންގީ،" ރަޝީދު ވިދާޅުވި އެވެ.

ލޯކަލް ގަވާރުމެންޓް އޮތޯރިޓީގެ ގާނޫނު ބުނަނީ މަގުބޫލު ސަބަބެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަކަށް ވިދިވިދިގެން ހާޒިރުނުވެއްޖެ ނަމަ ކައުންސިލްގެ މެމްބަރުކަމުން ވަކިވާނެ އެވެ.

ތުޅާދޫ ކައުންސިލުން ބުނީ ޗުއްޓީ ނެގުމެއްނެތި އުމައިރާ ރަށުން ބޭރަށް ވަޑައިގެންފައި ވަނިކޮށް ބޭއްވި ހަތަރު އާއްމު ޖަލްސާ އާއި ކުއްލި ހަ ޖަލްސާ އަށް އުމެއިރާ ހާޒިރުވެވަޑައިގެންފައި ނުވާކަމަށެވެ.

"އުމައިރާ މިކޮޅަށް ]ކައުންސިލަށް[ އެންގުމެއް ނެތި ރަށުން ބޭރަށް ވަޑައިގަތީ. ޗުއްޓީއެއް ވެސް ނުނަންގަވާ އެދުވަސްތަކުގައި ބޭއްވުނު ޖަލްސާތަކަށް އެކަމަނާ ހާޒިރުވެފައެއް ނުވޭ،" ރަޝީދު ވިދާޅުވި އެވެ.
ސަން އަށް ވެސް ކޮޕީ ލިބިފައިވާ ލޯކަލް ކަވަރުމެންޓް އޮތޯރިޓީން ތުޅާދޫ ކައުންސިލަށް އެންގި އެންގުމުގައި ބުނަނީ އުމެއިރާ ރަށުން ބޭރަށް ވަޑައިގެންނެވި ސަބަބެއް ރަސްމީ ލިޔެކިޔުމުން ކައުންސިލަށް އަންގާފައިނުވާ ކަމަށާއި ރަށުން ބޭރުގައި ހުންނެވި މުއްދަތުގައި ޗުއްޓީއާ މެދު ގޮތެއް ނިންމުމަށް ރަސްމީކޮށް ކައުންސިލަށް ސިޓީ ފޮނުވާފައި ނުވާތީ އުމެއިރާ ޖަލްސާތަކަށް ހާޒިރުވާން ނުޖެހޭ މަގުބޫލު އުޒުރެއް ނެތް ކަމަށެވެ.

"އެޓާނީ ޖެނެރަލްގެ ލަފާއަކަށް އެދުމުން ގާނޫނީ ނުގުތާތަކަށް ރިއާޔަތްކުރައްވައި އެ އޮފީހުން ލަފާދެއްވާފައި ވަނީ އުމައިރާ އަބޫބަކުރަކީ މިހާރު ބ. ތުޅާދޫ ކައުންސިލް މެންބަރެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތް ކަމަށް ނުފެންނަ ވާހަކަ ދެންނެވުމަށެވެ،" އެ ސީޓީގައިވެ އެވެ.

ކައުންސިލުން ވަކި ކުރުމަށް އެންގި އުމައިރާ މިއަދު ވިދާޅުވީ އޭނާ ކައުންސިލުން ވަކި ކަމަށް އަންގާފައި ނުވާ ކަމަށާއި އެއީ ހަމަ އެކަނި އެޓާނީ ޖެނެރަލްގެ ލަފައެއް ކަމަށެވެ.

"އަޅުގަނޑު ވަތްކެއް ނުވެސް ކުރެވޭނެ އެބޭފުޅުންނަކަށް. އެބޭފުޅުން ދެއްވި މަގާމެއްގައި ނޫން އަޅުގަނޑު މިހުރީ. އެއީ ހަމައެކަނި ލަފައެއް ދީފައި އޮތް ސިޓީއެއް،" އުމައިރާ ވިދާޅުވި އެވެ.

ދެ ހަފްތާއެއްހާ ދުވަހަށް ރަށުން ބޭރަށް ވަޑައިގަތީ ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް ބަނޑޮހުގައި ބޭއްވި ވޯކްސޮޕެއްގައި ބައިވެރިވުމަށް ކަމަށާއި އެކަން ކައުންސިލްގެ ރައީސް އަށް ވެސް އަންގާފައި ވާނެ ކަމަށް ވެސް އުމައިރާ ވިދާޅުވި އެވެ.

"މީހަމަ އަޅުގަނޑު ކަޑާލަން ވެގެން ރާވާފައިވާ ރޭވުމެއް. އެބޭފުޅުން އެހެން ޕާޓީ އަކަށް ވެފައި އަޅުގަނޑު އެހެން ޕާޓީއެއްގެ މީހަކަށް ވާތީ މިކަމެއް މިއޮތީ ރޭވިގެން ކޮށްފައި. އަޅުގަނޑު އައިފަހުން މިވީހާ ދުވަހު އަދި އެންމެ ޖަލްސާއެއް ވެސް ނުބާއްވާ،" އުމައިރާ ވިދާޅުވި އެވެ.