03 Jul 2011, 15:27
އޭވައިއެލް އާއި ދެކޮޅަށް މިރޭ، ބޮޑު މެޗަށް ނުކުންނާނީ ފައިނަލް މެޗަކަށް ބަލައިގެން މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ވެލެންސިއާގެ އެސިސްޓެންޓް ކޯޗު ބިންމާ އަބްދުﷲ ވަހީދު (ބިންމާ) ބުނެފި އެވެ.
އެފްއޭއެމް ހައުސްގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބިންމާ ބުނީ، ރެލިގޭޝަނުން ސަލާމަތް ވެގެން ލީގްގެ ތިން ވަނަ ބުރަށް ދާން ބޭނުން ކަމަށާއި މިރޭގެ މެޗަކީ ފައިނަލެއް ކަމަށެވެ.
"މެޗް ވަރަށް މުހިންމު. އޭވައިއެލް ބަލިކުރަން ވެލެންސިޔާއަށް މާފަސޭހައެއް ނުވާނެ. ކުޅުންތެރިން ކިތަންމެ ޒުވާނަސް ވަކި ޕްރެޝާއެއް ނެތް. އުންމީދަކީ މެޗް ކާމިޔާބުކޮށް ތިން ވަނަ ބުރުން ޖާގަ ހޯދުން،" ބިންމާ ބުންޏެވެ.
ލީގުގައި ވެލެންސިޔާ އެންމެ ފަހުން ނިއުއާ ދެކޮޅަށް ކުޅުނު މެޗްގައި ދެއްކި ކުޅުން މިރޭގެ މެޗްގައި ދެއްކޭނެ ކަމުގެ ޔަގީން ކަން އެބޮތް ކަމަށާއި ނިއު މެޗުން ލިބުނު ހިތް ވަރުގެ ބޭނުން މިރޭގެ މެޗްގައި ހިފާނެ ކަމަށް ވެސް ބިންމާ ބުންޏެވެ.
"އެއް ވަނަ ގޯލް ކީޕަރު އިމްރާނާއި ޖޯރޭ އަދި އަބޫއަށް ނުކުޅެވުނަސް ދެންތިބި ކުޅުންތެރިންނަށް ކުޅެވޭނެ. މިރޭ މެޗުގައި ގޯލް ބަލަހައްޓާނީ ނިއު މެޗުގައި މޮޅު ކުޅުމެއް ދެއްކި އިފްރާހު،" ބިންމާ ބުންޏެވެ.
އޭވައިއެލްގެ ކޯޗް އަހުމަދު ނާޝިދު (ނާދު) ބުނީ ވެލެންސިޔާއަށް މެޗް މުހިންމު ވާހެން މިރޭގެ މެޗަކީ އޭވައިއެލްއަށް ވެސް މުހިންމު މެޗެއް ކަމަށެވެ. މެޗަށް ނުކުންނާނީ މޮޅުވެ ތިން ޕޮއިންޓު ހޯދައި ތިން ވަނަ ބުރުވެސް ޖާގައެއް ކަށަވަރު ކުރުމުގެ އުންމީދުގައި ކަމަށެވެ.
މިރޭގެ މެޗުން ވެލެންސިއާ ބަލިވެއްޖެ ނަމަ ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށް ރެލިގޭޝަން ކުޅެން ޖެހޭނެ އެވެ. ރެލިގޭޝަނުން ސަލާމަތްވާން އޭވައިއެލް އަށް އޮތީ މެޗުން މޮޅުވުމެވެ. އެއްވަރުވެއްޖެ ނަމަ ރެލިގޭޝަނަށް ދާނީ އޭވައިއެލް އެވެ.
ގަލޮޅު ދަނޑުގައި މިރޭ 9:00 ޖަހާއިރު ދެ ޓީމް ނުކުންނައިރު، 12 ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ހަވަނައިގަ އެވެ. އޭވައިއެލް އޮތީ 11 ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.
ޖުމްލަ އަށް ޓީމް ވާދަކުރި މި މުބާރާތުގެ ރެލިގޭޝަނަށް މިހާރު ވެއްޓިފައިވާ ޓީމަކީ ވިޔެންސާ އެވެ.