20 Mar 2017, 09:16
ވެލެންސިއާ ބަލިކޮށް ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައާ ގާތައް ބާސެލޯނާ އިން ޖެހިލައިފި އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 2-4 ކުން ވެލެންސިއާ ބަލިކޮށްގެންނެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 63 ޕޮއިންޓާ އެކީ އެވެ. ވާދަވެރި ރެއާލް މެޑްރިޑް އެއްވަނާގައި އޮތީ 27 މެޗުން ލިބުނު 65 ޕޮއިންޓާއި އެކު އެވެ.
އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެލެންސިއާއިންނެވެ. މެންޗެސްޓާ ސިޓީން ލޯނު އުސޫލުން ވެލެންސިއާއަށް ދޫކޮށްފައި ހުރި އެލިއަކިއުމް މަންގަލާ މި ގޯލް ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓްގައި ޑެނިއަލް ޕެރްޖޯ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ޖަހާ ގޯލައް ފޮނުވާލައިގެންނެވެ. ވެލެންސިއާ އިން ގޯލު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ބާސާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ނޭމާ ތަނަވަސްކޮށްދިން ބޯޅައަކުން ލުއިސް ސުއަރޭޒް އެވެ.
ބާސާގެ ދެވަނަ ލަނޑުވެސް އެޓީމުން ކާމިޔަބކުރީ ފުރަތަމަ ހާފުގަ އެވެ. މި ލަނޑު އެޓީމުން ކާމިޔާބުކުރީ ވެލެންސިއަށް މި މެޗުގައި ފުރަތަމަ ގޯލް ޖަހައިދިން އެލިއަކިއުމް މަންގަލާ ކުރި ފައުލަކާ ގުޅިގެން ބާސާއަށް ލިބުނު ޕެނަލްޓީއަކުން ލިޔޮނަލް މެސީ އެވެ. އެލިއަކިއުމް މަންގަލާ ކުރި ފައުލާ ގުޅިގެން އޭނާ އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ބާސާއިން މި ލަނޑު ކާމިޔަބު ކުރިތާ މިނިޓެއް ވެސް ނުވެ ބާސާއަށް ކުރިން ކުޅުނު މުނީރު ވަނީ ވެލެންސިއާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ބާސެލޯނާއިންވަނީ އަލުން މެޗުގެ ލީޑު ނަގާފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީއެވެ. މިއީ ބައިނަލްއަގުވާމީ ކުލަބް މުބާރަތެއްގައި އޭނާ ކާޟިޔާބުކުރި 100 ވަނަ ގޯލެވެ. އޭނާ ވަނީ ކުލަބް ލެވެލްގައި މިހާތަނަށް 118 މެޗު ކުޅެފަ އެވެ.
ބާސާގެ ހަތަރު ވަނ ގޯލް 89 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ ގޮމޭސް އެވެ. ނޭމާ ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިން މި ބޯޅަ ގޮމޭސް ވަނީ ގޯލުގެ މަތީ ދާގަނަޑަށް ފޮނުވާލާފަ އެވެ.
މި މެޗުގައި ނޭމާގެ ފަރާތުން ގޯލެއް ނުފެނުނު ކަމުގައި ވީނަމަވެސް އޭނާ ވަނީ ގޯލް ޖަހާނެ ދެ ފުރުސަތު ފަހިކޮށްދީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގައި ބޮޑެތި ހުރިހާ ލީގެއް ހިމެނޭ ގޮތައް އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިއަކީވެސް ނޭމާ އެވެ.
ބާސާ އަތުން ބަލިވި ވެލެންސިއާ ލީގު ތާވަލްގައި މިވަގުތު އޮތީ 30 ޕޮއިންޓާ އެކު ތާވްލްގެ 14 ވަނަ މަގާމުގަ އެވެ.