ލިވަޕޫލާ ދެކޮޅަށް ކުޅުންތެރީން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއަދަކީ ފުޓްބޯޅަ ކެރިއަރުގައި އެންމެ އުފާވީ އެއް ދުވަސް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ މެންޗެސްޓާ ސިޓީ 1-1 ލަނޑުން އެއްވަރުވި މެޗަށް ފަހު ނޫސްވެރީންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ވޭތުވެދިޔަ ހަފްތާއަކީ ސިޓީގެ ކުޅުންތެރީން ވަރަށް ބުރަކޮށް މަސައްކަތް ކުރި ހަފްތާއެއް ކަމަށާއި ޗެމްޕިއަންސް ލީގު މެޗަށް ފަހު މި މެޗަށް ތައްޔާރުވާން ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ.

"މި މެޗާ ހިސާބަށް އައިއިރު ކުޅުންތެރީން ތިބީ ވަރަށް މާޔޫސްވެފައި. އަނެއްކާ ފަރިތަ ކޮށްލަން ވެސް ލިބުނީ މަދު ދުވަސްކޮޅެއް. އެކަމަކު ލިވަޕޫލަށް މި މެޗަށް ތައްޔާރުވާން ވަގުތު ލިބުނު. އެމީހުންނަށް ހަފްތާއެއް ވަރު ލިބުނު،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ މިކަހަލަ ސަބަބުތަކެއް ހުރި ނަމަވެސް ލިވަޕޫލް ފަދަ ގަދަފަ ޓީމަކާ ދެކޮޅަށް ސިޓީގެ ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭކަމަށާއި ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރީން ދެއްކި ކުޅުމަށް ވުރެ އެތައް ގުނައެއް މި މެޗުގައި ރަނަގަޅު ކަމަށެވެ.

"މި މެޗުގައި އަހަރަމެންނަށް ލިވަޕޫލްކޮޅަށް ގޯލް ޖަހާނެ ފުރުޞަތު ލިބުނު. އެކަމަކު ލިބުނު ފުރުޞަތު ބޭނުމެއް ނުކުރެވުނު. މޮނާކޯ މެޗުގައި ކުޅުންތެރީންގެ ފަރާތުން ނުފެނުނު ހިތްވަރާއި ރޫހު މި މެޗުގައި ފެނުނު،" އޭނާ ބުންޏެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލުންނެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާއެވެ. މެންޗެސްޓާ ސިޓީ ލިވަޕޫލްއަތުން ބަލިނުވެ ސަލާމްތްކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ.

އެ ނަތީޖާއާއެކު ލީގު ތާވަލުގައި ސިޓިއާއި ލިވަޕޫލް އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ކުޅުނު 28 މެޗުން ލިބުނު 57 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ސިޓީ އޮތްއިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.