03 Jul 2011, 14:44
ގދ. ތިނަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ، ކަނދުރާ ބިނދި، ކޯމާއެއްގައި އޮތް ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ތިނަދޫ ބޮޑު މަގަކުން ދުއްވާފައި ދިޔަ ސައިކަލަކާއި ފުލުހުންގެ ވޭން ޖެހި ހިނގި އެކްސިޑެންޓްގައި ކޯމާއެއްގައި އޮތް އެ ރަށު ބްރޯން، މޫސާ މަނިކު،32، އަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަނީ، އާއިލާގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު މަނިކު ބުނި ގޮތުގައި، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގަ އެވެ.
މުހަމައްދު މަނިކު ބުނީ އޭނާގެ ކޮއްކޮ މޫސާ މަނިކާ ދޭތެރޭ ޑޮކްޓަރުން ފުރަތަމަ އުއްމީދު ކަނޑާލި ކަމަށާއި ނަމަވެސް މިހާރު ކޮންމެވެސް ވަރެއްގެ ގެރެންޓީއެއް ޑޮކްޓަރުން ދީފައިވާ ކަމަށެވެ. އަދި އާއިލާ އިން ބޭނުންވަނީ މާލެ ނޫނަސް ރާއްޖޭން ބޭރަށް ގެންގޮސް ގެންނަމަވެސް މޫސާ މަނިކުގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
މީގެ ދެ އަހަރުން ކުރިން ވެސް އެކްސިޑެންޓް ވެފައިވާ މަޝްހޫރު ކެޔޮޅު، މޫސާ މަނިކުގެ އެކްސިޑެންޓްގެ ޒިންމާ އުފުލަން ޖެހޭނީ ފުލުހުން ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ. އަދި އާއިލާ އިން ވަނީ މޫސާ މަނިކަށް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަމަށް ބުނެ ހޮސްޕިޓަލު ތެރޭގައި ނުރުހުން ވެސް ފާޅުކޮށްފަ އެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ޖީޒާ ހަސަން ވިދާޅުވީ މޫސާ މަނިކުގެ ހާލު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމަށާއި މިހާރު ވެންޓިލޭޓާގެ ބޭރުން ވެސް ނޭވާލަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް ޖީޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ މޫސާ މާލެ ފޮނުވުމަށް ކަމަށެވެ.
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި މޫސާ މަނިކުގެ ކަރު ބިނދުމުގެ އިތުރަށް ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުންގެ ވޭނުގައި ޖެހި އެކްސެންޑު ހިނގި ވަގުތު މޫސާ މަނިކު އިނީ ސައިކަލް ދުއްވާށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގީ ތިނަދޫ ބޮޑުމަގުގެ ގްރީން އޭރިއާ ކައިރިން ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގީ ފުލުހުންގެ ވޭން ދުއްވަން އިން މީހާ އަށް ސައިކަލް ފެނުމުން ރޭހަށް އޮބައިލެވިގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް އިތުރަށް ސާފު ކުރަމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓްގައި ސައިކަލާއި ވޭންޖެހި ސައިކަލް ދުއްވަން އިން މީހާ ގާތްގަނޑަކަށް 25 ފޫޓު ދުރަށް ވިއްސައިގެން ދިޔަ ކަމަށް ވެސް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.