20 Mar 2017, 00:38
އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ބަލިވާން ދަނިކޮށް، އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯގެ ލަނޑުން މެންޗެސްޓާ ސިޓީ ސަލާމަތްވެއްޖެއެވެ.
ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު ލީގު ތާވަލުގައި ސިޓިއާއި ލިވަޕޫލް އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު 28 މެޗުން ލިބުނު 57 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ސިޓީ އޮތްއިރު، ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު 29 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގެ 38 ވަނަ މިނެޓުގައި ސިޓީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޭވިޑް ސިލްވާ ނަގައިދިން ހުރަހަކުން އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއަށް ލިބުނު ބޯޅައިން ނުރައްކާ ކުރުމުގެ ކުރިން ލިވަޕޫލްގެ ޖޭމްސް މިލްނާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ލިވަޕޫލަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ އަދި އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ ފޮނުވާލި ހަމަލާ ވެސް ސިޓީގެ އާޖެންޓީނާ ކީޕަރު ވިލީ ކަބަލެރޯ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓްފަހުން ލިވަޕޫލް ވަނީ ޕެނަލްޓީއަކުން ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ހޯދައިދިނީ މިލްނާއެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއަށް ފްރާންސް ޑިފެންޑަރު ގައެލް ކްލިޗީ ކުރި ފައުލަކާ ގުޅިގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްލުމަށް ވެސް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ފާމީނޯ ފޮނުވާލި އެ ހަމަލާ ސިޓީގެ ކީޕަރު ކަބަލެރޯ ވަނީ މަތަކޮށްފައެވެ. އޭގެ އަށް މިނެޓްފަހުން ސާޖިއޯ އަގުއެރޯ ވަނީ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަގުއެރޯ އެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ނަގައިދިން ރީތި ހުރަހަކުންނެވެ.
ސިޓީގެ އެ ލަނޑަށްފަހު ދެ ޓީމަށް ވެސް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ސިޓީގެ ޑިބްރޭނާ ފޮނުވާލި ހަމަލާ ލިވަޕޫލް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ލަލާނާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.