އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވޭކަމީ، ރަން މެޑެއްޔެއް ހޯދުމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފިއެވެ.

ތައިލޭންޑްގައި ކޭމްޕް ކުރުމަށްފަހު އެނބުރި މިއަދު ރާއްޖެ އައިސް،ސަން ސްޕޯޓްސްއަށް މައުލޫމާތުދެމުން ބަޓިސް ބުނީ، ރަން މެޑެއްޔަކަށް ރާއްޖެއިން ވާދަކުރާތާ މިހާރު ދެތިން ހަތަރު އަހަރުވެއްޖެ ކަމަށާއި މިފަހަރު ވެސް ޓާގެޓަކަށް ވާނީ ރަން މެޑެއްޔެއް ހޯދުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ދެތިން ހަތަރު އަހަރެވެއްޖެ ގޯލްޑަކަށް ޓާގެޓްކޮށްގެން މަސައްކަތްކުރާތާ. ރާއްޖޭގައި މިމުބާރާތް އޮތީމަ، މިއީ އަޅުގަނޑުމެންނަށް ގޯލްޑްއަކަށް ދާން ލިބުނު އިތުރު ހިތްވަރެއް. އަޅުގަނޑުމެން ބޭނުންވަނީ އިތުރު ފިޔަވަޅެއް އަޅައިގެން ގޯލްޑެއް ހޯދަން،" އޭނާ ބުންޏެވެ.

ބަޓިސް ބުނީ، ރާއްޖޭގައި މިފަދަ މުބާރާތެއް ބާއްވާނެ އިތުރު ފުރުސަތެއް ލިބޭނެކަން ނޭނގޭ ކަމަށާއި އަމިއްލަ ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސަޕޯޓްކުރަން ގޮސް، ހިތްވަރުދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތައިލެންޑްގައި ކޭމްޕް ކުރުމަށްފަހު ގައުމީ ވޮލީ ޓީމު އެނބުރި ރާއްޖެ އައުން: ތައިލެންޑްގައި ގައުމީ ވޮލީ ޓީމު އެކުވެރިކަމުގެ ހަ މެޗު ކުޅުނު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ތައިލެންޑްގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕްގައި ވަނީ އެގަމުގައި ހަ މެޗެއް ކުޅެފައެވެ. އެ މެޗުތަކުގައި ނެރެވުނު ނަތީޖާތަކާ މެދު ހިތްހަމަޖެހޭ ކަމަށް ބަޓިސް ބުނެއެވެ.

"ލިބުނު ދުވަސްކޮޅާ ބަލާފައި ވަރަށް ރަނގަޅަށް ޓްރެއިނިންއާ ހުރިހާ ކަމެއް ވެސް ދިޔައީ. ގާތްގަނޑަކަށް ހަ ވަރަކަށް މެޗު އަޅުގަނޑުމެން ކުޅުނިން. ނަތީޖާތަކާ މެދު ވެސް ހިތްހަމަޖެހޭ. އަޅުގަނޑުމެން މާލޭގައި ޕްރެކްޓިސްކުރި މުއްދަތާއި އެކޮޅަށް ގޮސް، ޓީމު އެކުވަލާލަން ލިބުނު ދުވަހާ އަޅާބަލާއިރު ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު ފައިޓެއް ދިން،" އޭނާ ބުންޏެވެ.

އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު ދެން ވާދަކުރަނީ ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާންއެވެ. ރާއްޖެއިން މިދިޔަ އަހަރުގެ އެމުބާރާތުން ލޯ މެޑެއްޔެއް ހޯދާފައިވާއިރު، 2015 ވަނަ އަހަރު ރިހި މެޑެއްޔެއް ވަނީ ހޯދައިފައެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކާ ގުޅޭގޮތުން ބަޓިސް ބުނީ، ހުރިހާ ޓީމުތަކަކީ ވެސް ވަރަށް އެއްވަރެއްގެ ޓީމުތަކެއް ކަމަށާއި ކާމިޔާބު ލިބޭނީ އެ ދުވަހެއްގައި ރަނގަޅަށް ތައްޔާރުވެ، ރަނގަޅު ކުޅުމެއް ދައްކާ ޓީމަކަށް ކަމަށެވެ. އަދި ކާމިޔާބު ހޯދާ ޓީމަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ ރާއްޖެއާއި ކިރްގިސްތާނެވެ.

މުބާރާތުގެ ޝެޑިއުލް

  1. 22 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ކިރްގިސްތާން

  2. 23 މާޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
  3. 24 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ނޭޕާލް
  4. 25 މާޗް 2017، ގަޑި 16:00 - ކިރްގިސްތާން - ތުރުކިމިނިސްތާން
  5. 26 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ތުރުކެމިނިސްތާން
  6. 27 މާޗް 2017، ގަޑި 16:00 - ކިރްގިސްތާން – ނޭޕާލް

އެ މުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަ ކުރާނެ ޓީމެއް ކަށަވަރު ވާނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. ފައިނަލު އޮންނާނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.