03 Jul 2011, 14:10
ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވުމަށް އުއްމީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮންނާތީ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޗާޓްކުރެހުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ މަޝްރޫޢު ނިންމުމުގެ ގޮތުން މިއަދު ބަނޑޮސް ރިސޯޓްގައި ބޭއްވި ސިމްފޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވެދާނެ ކަމުގެ ވާހަކައަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ވާހަކައެއް ކަމަށާއި އެހެން ނަމަވެސް އެފަދަ ދުވަހެއް ނައުމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވެދާނެ ވާހަކަ ތިޔަ އެންމެ ބޭފުޅުން ވާނީ އައްސަވާފައި، އެއީ ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް. އެ ދުވަސް ނައުމަށް އަޅުގަނޑު އުއްމީދުކުރަން،" ޑރ. ވަހީދު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ޗާޓު ކުރެހުމުން ތިމާވެށީގެ ގޮތުން ގޮންޖެހުންތައް ހުރި ސަރަހައްދުތައް އެނިގެންދާނެ ކަމަށާއި އަދި އެންމެރ ބޮޑަސް ސަމާލުކަންދޭވީ ދިމަމާތައް އެނގިގެންދާނެ ކަމަށެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރަހާފައިވާ ރާއްޖޭގެ ޗާޓު ހިމެނޭ ޖިއޯ ޕޯޓަލް ނައިބް ރައީސް ލޯންޗްކޮށްދެއްވި އެވެ.
"މިމައުލޫމާތުތަކުގެ އަލީގައި ، އެންމެ ބޮޑަށް ހަލާކުވަމުން ދަނީ ކޮން ކޮން ފަރުތަކެއްކަން ދެނެގަނެވޭނެ. އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ސަރަހައްދުތައް ދެނެގަނެވޭނެ،" ޑރ. ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޗާޓް ކުރެހުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫއުން ލިބިފައިވާ މައުލޫމާތު ވީ އެންމެ ރަނގަޅަކަށް ބޭނުންކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ނައިބު ރައީސް ޑރ. ވަހީދު ގޮވާލެއްވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ހިންގި، މެޕިން މޯލްޑިވްސް އެންޑް ކްލައިމެޓް ޗޭންޖު ޕްރޮޖެކުޓަކީ ފަރަންސޭސި ސަރުކާރުގެ އެހީގައި މީގެ ދެ އަހަރު ކުރިން ފެށި މަޝްރޫއު އެކެވެ.