03 Jul 2011, 13:34
ޑެންގޫ ހުން ފެތުރޭތީ މ. ވޭވަށު ޕްރައިމަރީ ސްކޫލްގެ ބައެއް ގްރޭޑުތަކުގެ ކިޔެވުން ތިން ދުވަހަށް މެދު ކަނޑާ ލައިފި އެވެ.
ވޭވަށު ސްކޫލްގެ ޕްރިންސިޕަލް އަލީ ނައީމް މިއަދު ވިދާޅުވީ އެ ރަށު ސްކޫލްގެ ގުރޭޑު އެކެއް އަދި ދޭއް އަދި ތިނެއްގެ އިތުރުން ޕްރީ ސްކޫލްގެ ކިޔެވުން މެދު ކަނޑާލަން ނިންމީ ހުސްވި ބުރާސްފަތި ދުވަހު އެ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ 21 ކުދިންގެ ތެރެއިން 13 ކުދިން ސްކޫލަށް ހާޒިރު ވެފައި ނުވާތީ ކަމަށެވެ.
ޕްރިންސިޕަލް ވިދާޅުވީ ތިން ދުވަހަށް ފަހު ރަށުގައި ފެތުރެމުން އަންނަ ޑެންގޫގެ ހާލަތު ރަނގަޅު ވެއްޖެ ނަމަ ސްކޫލުގެ ކިޔެވުން އަލުން ފަށާނެ ކަމަށެވެ.
ނައީމް ވިދާޅުވީ އެ ރަށު ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ހަ ކުއްޖަކު ޑެންގޫ ހުމަށް ފަރުވާ ހޯދުމުން އަންނަ ކަމަށާއި އެތަނުން ހަތަރު ކުއްޖަކު މާލޭގައި އަދި އަނެއް ދެ ކުދިން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
ޑެންގޫގެ ސަބަބުން ވޭތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި ހަތަރު ކުއްޖަކު މަރުވެފައިވާ އިރު، ޑެންގޫ ހުމުގައި ފުރަމަ މަރުވީ ވޭވަށު ނުވަ މަހުގެ ކުއްޖެކެވެ.
ޑެންގޫ ހުން ހަލުއިކަމާ އެކު އަދިވެސް ފެތުރެމުން އަންނާތީ ނޭޝަނަލް ޓާސްކްފޯހެއް ވަނީ ގާއިމުކޮށްފަ އެވެ. -- އަލީ ނަސީރު