14:30


އިސްލާމިކް މިނިސްޓްރީ ބަދުނާމުވާ ގޮތަށް އެމިނިސްޓްރީގެ މުރުޝިދު އާންމުގެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ އަހުމަދު ޒަކީ ވާހަކަ ދައްކަވަމުންގެންދަވާ ކަމަށް ބުނެ އެކަން އެމިނިސްޓްރީން ކުށްވެރިކޮށްފި އެވެ.


އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާޗް 11 ވަނަ ދުވަހު އެ މިނިސްޓްރީގައި މުރުޝިދު އާންމުގެ މަގާމެއް އުފައްދަވައި އެމަގާމަށް އަހުމަދު ޒަކީ ހަމަޖައްސަވައި، އޭނާގެ މަސައްކަތެއް ކަމަށް ރައީސް އޮފީހުން އަންގާފައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމު ކަމާއި އިސްލާމީ މަރުކަޒާ ބެހޭ އެހެނިހެން ކަންކަން ކަމަށެވެ. އެހެން ނަމަވެސް ދެ ފަހަރެއްގެ މަތިން ޒަކީއަށް ލިޔުމަކުން މަސައްކަތް ހަވާލުކުރުމަށް އުޅެގެން ވެސް އޭނާ ވަނީ މަސައްކަތާ ހަވާލުވެލެއްވުމަށް އިންކާރު ކުރައްވާފައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި ހޯމަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީ ބަދުނާމުވާ ގޮތަށް ޒަކީ ވާހަކަ ދައްކަވާފައިވާ ކަމަށާއި އެގޮތުން ދީނީ ނަސޭހަތް ދެއްވާނެ ބޭފުޅަކު ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާ ފަރާތްތަކަށް އަދާލަތު ޕާޓީގެ އޮފީހުގެ އޮފީހާ ގުޅުމަށް އެ މިނިސްޓްރީން ބުނާ ކަމަށް ވިދާޅުވެ ޒަކީ ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން މީޑިއާ އަށް މަޢުލޫމާތު ދެއްވުމަށް ބޭފުޅަކު ކަނޑައަޅުއްވާ އުސޫލުން އެމިނިސްޓްރީގައި ވެސް ބޭފުޅަކު ކަނޑައަޅާފައި ހުންނައިރު ވެސް އެފަރާތާ ވިލަރެސްކުރުމެއްނެތި ޒަކީ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ގެންދަވާ ކަމަށެވެ.


މިކަމާ ގުޅިގެން އަދި އެމްޑީޕީން ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ. އަދި ބިޒީކޮށް އުޅުއްވާތީ އެއްޗެއް ވިދާޅުވަން ދަތިފުޅު ކަމަށް ޒަކީ ވިދާޅުވި އެވެ.


އަހުމަދުﷲ އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ފައްޅި އެޅުމުގެ ހުއްދަ ދިނުމަށް އެދި ރައީސް އިސްލާމިކް މިނިސްޓްރީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ވާހަކަ އަކީ ވެސް ތެދު މަޢުލޫމާތެއް ނޫން ކަމަށެވެ.