19 Mar 2017, 14:45
ތައިލެންޑުގައި ކުރިއަށްގެންދިޔަ ކާމިޔާބު ޓްރޭނިން ކޭމްޕް ނިންމާލުމަށްފަހު، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ތައިލެންޑުގައި ކޭމްޕް ކުރުމަށްފަހު، ގައުމީ ވޮލީ ޓީމު އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ތައިލެންޑްގައި ކޭމްޕް ކުރުމަށްފަހު ގައުމީ ވޮލީ ޓީމު އެނބުރި ރާއްޖެ އައުން: ތައިލެންޑްގައި ގައުމީ ވޮލީ ޓީމު އެކުވެރިކަމުގެ ހަ މެޗު ކުޅުނު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށްޓަކައި ތައިލެންޑްގައި ފަރިތަކުރުންތަކުގެ ތެރެއިން އެގައުމުގައި އެކުވެރިކަމުގެ ހަ މެޗެއް ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ކުޅެފައިވެއެވެ.
'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެމުން ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނީ، އެ މެޗުތަކުން ޓީމަށް ފައިދާކުރާނެ ކަމަށާއި ފަރިތަކުރަން ލިބުނު މުއްދަތަށް ބަލާއިރު އެ މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވުނު ކަމަށެވެ.
މިއަހަރުގެ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ ރާއްޖޭގައެވެ. އެ މުބާރާތުގައި ކުރިން ރިހި މެޑެއްޔަކާއި، ލޯ މެޑެއްޔެއް ހޯދި ގައުމީ ވޮލީ ޓީމުގެ މިފަހަރުގެ ވެސް އަމާޒަކީ މުބާރާތުން ރަން މެޑެއްޔެއް ހޯދުމެވެ.
ތައިލެންޑްގައި ކޭމްޕް ކުރުމަށްފަހު ގައުމީ ވޮލީ ޓީމު އެނބުރި ރާއްޖެ އައުން: ތައިލެންޑްގައި ގައުމީ ވޮލީ ޓީމު އެކުވެރިކަމުގެ ހަ މެޗު ކުޅުނު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ ރާއްޖެއާއި ކިރްގިސްތާނެވެ.
މުބާރާތުގެ ޝެޑިއުލް
22 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ކިރްގިސްތާން
- 23 މާޗް 2017، ގަޑި 16:00 - ނޭޕާލް - ތުރުކެމިނިސްތާން
- 24 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ނޭޕާލް
- 25 މާޗް 2017، ގަޑި 16:00 - ކިރްގިސްތާން - ތުރުކިމިނިސްތާން
- 26 މާޗް 2017، ގަޑި 16:00 - ދިވެހިރާއްޖެ - ތުރުކެމިނިސްތާން
- 27 މާޗް 2017، ގަޑި 16:00 - ކިރްގިސްތާން - ނޭޕާލް
އެ މުބާރާތުގެ ފައިނަލަށް އެއްކޮޅުން ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ. އަނެއް ކޮޅުން ފައިނަލުގައި ވާދަ ކުރާނެ ޓީމެއް ކަށަވަރު ވާނީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ. ފައިނަލު އޮންނާނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.