ގައުމީ ޓީމުގެ ސްކޮޑަށް ވަނީ މިހާރު އިތުރު ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތައް ގެނައީ ގޯލްކީޕަރުގެ ޑިޕާޓްމަންޓަށެވެ. އެއީ މިހާރު ގައުމީ ޓީމަށް ކުޅުންތެރީން ނަގަން ބަލާއިރު، ކުޅުންތެރީން ނަގަން އެންމެ އުނދަގޫ ޑިޕާޓްމަންޓެވެ. ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ހިސާބުން، އެންމެ ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށް ދެކެވުނު ވާހަކައަކީ ވެސް އެއީއެވެ. ދިވެހި ކީޕަރުން ކްލަބުތަކުގެ އެންމެ ކުރީ ސަފުން ނުފެންނަ ވާހަކައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 28 ވަނަ ދުވަހު އަމިއްލަ ފަސްގަނޑުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑުގައި މިހާރު ވަނީ އިތުރު ދެ ކީޕަރުން ހިމަނައިފައެވެ. އެއީ ކްލަބު ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ.

ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި ގައުމީ ސްކޮޑަށް އިތުރުކުރި ދެ ގޯލްކީޕަރުންނަކީ ވެލެންސިއާގެ ހަސަން ޠަލާލްއާއި އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް)އެވެ. އެ ދެކުޅުންތެރީން ވެސް މިސީޒަނުގައި ފެނިފައިވަނީ އެ ކުޅުންތެރިން ކުޅޭ ކްލަބުތަކުގެ ބެންޗުންނެވެ. ޠަލާލްއާއި ޗެކްގެ އިތުރުން ގައުމީ ޓީމުގެ ދެވަނަ ކީޕަރަށް ކުޅުނު ކުޑަ އިންމަ ވެސް މިސީޒަނުގައި ފެންނަމުންދަނީ ވިކްޓަރީގެ ބެންޗުންނެވެ. ވިކްޓަރީގެ އެއް ނަންބަރު ކީޕަރު ސީރިއާގެ ގައުމީ ޓީމުގެ ކީޕަރު މަހްމޫދު އަލް ޔޫސުފްއެވެ.

މިދިޔަ އަހަރު 17 އަހަރަށްފަހު ގައުމީ ޓީމަށް، އިމްރާން މުހައްމަދު ކުޅެން ހުއްޓާލަން އިއުލާންކުރިއިރު ވެސް ގައުމީ ޓީމަށް ކީޕަރުންގެ ބޭނުން ޖެހިފައިވާ ވާހަކަ ދިޔައީ ދެކެވެމުންނެވެ. އެހެންނަމަވެސް މިއަހަރުގެ ސީޒަނުގައި ވެސް ދިވެހި ކީޕަރުންނަށްވުރެ ކްލަބުތަކުގެ ކުރީ ސަފުން ފެންނަމުންދަނީ ބިދޭސީ ކީޕަރުންނެވެ.

ގައުމީ ޓީމުގައި ހިމެނޭ ކުޑަ އިންމައަކީ ފައިސަލްއާއެކު ކުރިން ވެސް ގައުމީ ޓީމަށް ނަގާ ކީޕަރެކެވެ. މި ސީޒަނާ ހަމައަށް އޭނާ ދިޔައީ ކްލަބުތަކުގައި އެއް ނަންބަރުގެ ކީޕަރުގެ މަގާމު އަދާކުރަމުންނެވެ. ކުރިން ގައުމީ ޓީމަށް މަދު ފަހަރަކު ނެގި ކީޕަރު ޠަލާލްއަށް ބަލައިލާއިރު، މިދިޔަ އަހަރު ވެސް އޭނާ ގިނަ މެޗުތަކުގައި ފެނުނީ ވިކްޓަރީގެ ބެންޗުންނެވެ. އޭނާ ވަނީ ކުރިން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

އޭނާއާއެކު ގައުމީ ޓީމަށް ނެގި އީގަލްސްގެ ބަދަލު ކީޕަރު ޗެކްއަށް މިދިޔަ އަހަރު ވެސް އީގަލްސްގެ ގޯލް ބަލަހައްޓަން ލިބުނީ ވަރަށް ވެސް މަދު މެޗެކެވެ. ކުރިން ނިއުއިން ވިދާލި ޗެކްއަށް މިހާރު ފުރުސަތު ލިބެނީ އީގަލްސްގެ ބިދޭސީ ކީޕަރަށް އަނިޔާވެ ނުވަތަ ސަސްޕެންޑްވެއްޖެ ހާލަތެއްގައެވެ. މިދިޔަ އަހަރު އެއް މެޗެއްގައި އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރުސަތު ލިބުނުއިރު، ދެން ފުރުސަތު ލިބުނީ އީގަލްސްގެ ބިދޭސީ ކީޕަރަށް ރަތް ކާޑު ދެއްކުމުންނެވެ. އެ ރަތްކާޑާ ގުޅިގެން ބިދޭސީ ކީޕަރު ސަސްޕެންޑްވި މެޗުގައި ފުރަތަމަ 11އިން އޭނާއަށް ފުރުސަތު ލިބުނެވެ.

ގައުމީ ޓީމުގެ ސްކޮޑުގައި މިހާރު ހިމެނޭ ކީޕަރުންގެ ތެރެއިން ފުރަތަމަ 11ގައި ކުޅެމުންދާ ހަމައެކަނި ދިވެހި ކީޕަރަކީ ވެލެންސިއާގެ ކީޕަރު ފައިސަލްއެވެ. އޭނާ އަކީ ކުރިން ވެސް ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުންދާ ކީޕަރެކެވެ. އޭރު ބަދަލު ކީޕަރެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިފަހަރު ބޮޑަށް ބެލެވެނީ ސްޓެވާޓް އޭނާ ބޭނުންކުރާނީ އެއް ނަންބަރު ކީޕަރެއްގެ ގޮތުގައެވެ.

ކްލަބުތަކަށް ބަލައިލާއިރު، މާޒިޔާގެ ގޯލް ބަލަހައްޓަމުންދަނީ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއާޝްއެވެ. ނިއުގެ ގޯލް ގައުމީ ޓީމުން ރިޓަޔާކުރި އިމްރާން ބަލަހައްޓަމުންދާއިރު، އީގަލްސްގެ ގޯލް ބަލަހައްޓަމުންދަނީ ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ. ވިކްޓަރީގެ ގޯލް ސީރިއާ ކީޕަރު މަހްމޫދު އަލް ޔޫސުފް ބަލަހައްޓަމުންދާއިރު، ޓީސީގެ ގޯލް ބަލަހައްޓަމުންދަނީ ނޭޕާލް ކީޕަރު ލިމްބޫ ކިރަން ކުމާރެވެ.

ވެލެންސިއާގެ ގޯލް ދިވެހި ކީޕަރު ފައިސަލް ބަލަހައްޓަމުންދާއިރު، ޔުނައިޓެޑް ވިކްޓަރީގެ ގޯލް ބަލަހައްޓަމުންދަނީ ރުސްލާން އަމިރޯވްއެވެ. އަދި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ގްރީން ސްޓްރީޓްސްގެ ގޯލް ބަލަހައްޓަމުންދަނީ ޖަޕާން ގޯލްކީޕަރު ޔުން ކޮޗީއެވެ. އެހެންކަމުން މިސީޒަނުގައި ދިވެހި ކްލަބުތަކުގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމު އަދާކުރަމުންދާ ދިވެހި ކީޕަރުންނަކީ ހަމައެކަނި ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކީޕަރު އިމްރާންއާއި ކީޕަރު ފައިސަލްއެވެ.

ނިއުގެ ބަދަލު ކީޕަރު އަބްދުﷲ ޒިޔަޒަންއަށް ސްކޮޑުން ޖާގަ ދީފައިނުވާއިރު، އޭނާއަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބ. އޭދަފުށި ޓީމަށް މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މިސީޒަނުގައި ނިއުއާ ގުޅުނު ނަމަވެސް، ޒިޔަޒަންއަކީ ކުރިން ވެސް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަކަށް ކުޅުނު ތަޖުރިބާކާރު ކީޕަރެކެވެ. ފުރަތަމަ ޑިވިޝަންގައި ޒިޔަޒަން ވަނީ ކުރިން ނިއުއާއި، ވީބީ އައްޑޫ އެފްސީއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ވިޔަންސާއަށް ވެސް ކުޅެފައެވެ. އޭގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގައި ހިމެނުނު އިބްރާހިމް އިފްރާހް އަރީފް ދިޔަ ހިސާބަށްވެސް ނޭނގެއެވެ. ދިވެހި ޓީމެއްގެ ލިސްޓުން މިއަހަރު އޭނާގެ ނަން ފެންނާކަށްވެސް ނެތެވެ.

ކޮންމެ ގޮތެއްވިޔަސް، ގައުމީ ޓީމުގެ ގޯލްކީޕަރުންގެ ޑިޕާޓްމަންޓާމެދު މިވަނީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ. ފައިސަލްއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި އެއް ނަންބަރު ކީޕަރަށް ކުޅެން ތިބީ ކްލަބުތަކަށް ކުޅޭ ބަދަލު ކީޕަރުންނެވެ. ގައުމީ ޓީމުގެ ކުރިމަގަށްޓަކައި ޒުވާން ކީޕަރުން އުފައްދައި، އެ ކީޕަރުންނަށް ފުރުސަތު ދޭން އެބަޖެހެއެވެ. އެކަމަށް ކްލަބުތަކާއި އެފްއޭއެމްއިން ވެސް ވަރަށް ބޮޑަށް ވިސްނަން އެބަޖެހެއެވެ.