03 Jul 2011, 13:20
ކުޑަކުދިންގެ ހިޔަލުގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން ދޮށީ ކުދިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތް ޖެންޑާ އެންޑް ފެމިލީން ބުނެފި އެވެ.
މިނިސްޓްރީގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވީ ތަންކޮޅެއް ދޮށީ އުމުރުގެ ކުދިން ވަކިކުރުމުގެ ވިސްނުމެއް ގެންގުޅެމުންދާ ކަމަށާއި ދުރު ނޫން މުސްތަގްބަލެއްގައި އެކުދިންނަށް ވިލިގިނލީގައި ވަކިން ތަނެއް ހެދުމަށް ފަހު ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީން ޕްލޭންކުރަމުން ގެންދާ ކަމަށެވެ.
އާފިޔާ ވިދާޅުވީ ކުޑަކުދިންގެ ހިޔަލަކީ އުމުރުން 9 އަހަރުން ދަށުގެ ކުދިން ބޭތިއްބުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ތަނަކަށްވާއިރު އެއުމުރު ފުރައަށްވުރެ ދޮށީ ކުދިން ހިޔަލުގައި ގެންގުޅެން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
" ތުއްތު ކުދިންގެ ތަނަކަށް ބޮޑެތި ކުދިންތަކެއް ލުމުން އެކުދިންނަށް ހިންގަންޖެހޭ ބައެއް ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ވެސް ދަތިވޭ،" އާފިޔާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔަލާ މެދު ބައެއް ފަރާތްތަކުން ދެކޭގޮތާ މެދު ވާހަކަ ދައްކަވަމުން އާފިޔާ ވިދާޅުވީ އެތަނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ މުޅިން ހަގީގަތެއް ނޫން ކަމަށެވެ. އަދި ހިޔަލުގައި ތިބޭ ކުދިން އެހެން ކުދިންނާއި ތަފާތުކޮށް ލޭބަލް ކުރުމަކީ އެކުދިންނަށް ނަފްސާނީ ގޮތުން ތަފާތު ގެއްލުންތަކެއް ލިބެމުންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" ކުޑަކުދިން ވެއްޖެއްޔާ އަބަދުވެސް ހުންނާނެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް، ހިޔަލުގައި ކައުންސިލަރުން ވެސް ތިބޭނެ، އެހެންވެ އެކުދިންގެ ކަމެއް އިސްލާހު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ، ކުދިން ލޭބަލް ކުރުމުގެ ބަދަލުގައި އެކުންނަކީ މުޖުތަމައުގައި ރަނގަޅު ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް، ބައެއް ފަހަރު ސްކޫލަށް ގެންދާއިރުވެސް ބައެއް ޕޭރެންޓުން ބޭނުމެއް ނުވޭ އެމީހުންގެ ދަރިންނާ ހިޔަލުގެ ކުދިންނާ އެއްކޮށް ގެންގުޅެން،" އާފިޔާ ވިދާޅުވި އެވެ.
މީގެއިތުރުން ކުޑަކުދިންގެ ހިޔަލުގައި ތިބި ކުދިން އާއިލާތަކުން ބަލަން ތިބިއްޔާ އާއިލާތަކާ ހަވާލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށާއި އެކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ޤާނޫނީ ގޮތުން 18 އަހަރު ވަންދެއް ބަދަލުވެރިކަން ހޯދައިދިނުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ ލަފާފުޅާއެކު ކުރަމުން ގެންދާ ކަމަށެވެ.