19 Mar 2017, 14:22
ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ފުލޫ އާ ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ދޭ އާއިލީ ބައްދަލުވުން ވެސް ވަގުތީ ގޮތުން މެދު ކަނޑާލައިިފި އެވެ.
ޖަލުގައި ތިބޭ ފަރާތްތަށް ދޭ އެކަހެރި ބައްދަލުވުމާއި އާއިލީ ބައްދަލުވުން ވެސް ވަނީ ފުލޫއާ ގުޅިގެން މެދުކަނޑާލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން'އަށްް ވިދާޅުވީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ދޭ އާއިލީ ބައްދަލުވުން ވެސް މެދުކަނޑާލާފައިވާ ކަމަށެވެ. އެގޮތަށް ހެދި ރޯގާ ފެތުރުން މަދުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އިންފުލުއެންޒާ އެޗްވަންއެންވަން އިން ރައްކާތެރި ވުމަށް މީހުން އެއްވެ އުޅޭ ތަންނަށް ނުދިއުމަށާއި، ރޯގާ ޖެހިއްޖެނަމަ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
ސަލާމުކަން ދޭންޖެހޭ ކަންތައްތައް
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުމާއި ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ
- ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން