19 Mar 2017, 13:56
ޕިޔޮންގްޔަންގް (މާޗް 19) : އަމާޒަށް ވާސިލްވުމުގެ ގާބިލްކަން އާދަޔާޚިލާފަށް ބޮޑު ވޯލްޑް ކްލާސްގެ މުޅިން އައު ޖީލެއްގެ މިސައިލް އިންޖީނެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފިކަން އުތުރުކޮރެޔާއިން ހާމަކޮށްފި އެވެ.
އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވާ ކޭސީއެންއޭ ބުނާގޮތުން ހައިޓެކް މިއިންޖީނު ތަޖްރިބާކޮށްފައި ވަނީ އެގައުމުގެ ޒައީމް ކިމް ޖޮންގް އުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މިތަޖްރިބާ ބެއްލެވުމަށް ފަހު ޒައީމް ކިމް ވަނީ މިއީ ހައިޓެކްގެ މުޅިން އައު އުތުރުކޮރެޔާއެއް އުފަންވެގެން ދިޔުންކަމަށް ސިފަކުރައްވައި މިމިސައިލް ޓެކްނޮލޮޖީ އީޖާދުކޮށް ތަރައްގީކޮށް ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި އުތުރުކޮރެޔާގެ ސައެންސްވެރިންނާއި އިންޖިނޭރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީ ބުނާގޮތުން ޒައީމް ކިމްގެ ބެއްލެވުމުގެ ދަށުން މިއަދު ތަޖްރިބާކުރީ ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ގާބިލްކަން ވެސް ލިބިގެންވާ ހައިޓެކް ސްމާޓް އިންޖީނެކެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ރާސްތާއަކަށް މިސައިލް ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ އިންޖީނެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އުތުރުކޮރެޔާ އިން މިއިންޖީނު ތަޖްރިބާކޮށްފައި މިވަނީ އުތުރުކޮރެޔާ މައިތިރި ކުރުމުގައި އެމެރިކާ މިހާތަނަށް ގެންގުޅުނު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތުތައް ބަދަލުކޮށް އެގައުމަށް އިސްވެ ހަމަލާދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ސިޔާސަތެއް އެކަށައަޅަމުންގެންދާ އިންޒާރު އެމެރިކާ ދިންތާ 24 ގަޑީއިރު ވެސް ނުވަނީހެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވަނީ އުތުރުކޮރެޔާގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށާއި މި ނުރައްކާތަކާ ކުރިމަތިލުމުގައި އެމެރިކާއަށް އެހީތެރިވުމަށް އުސޫލެއްގެ ގޮތުން ޗައިނާ ވެސް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރުގެ ވާހަކަތައް ޗައިނާއިން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިވާހަކަތަކަށް ފަހު ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ މައިތިރިކަމާއި ހިކްމަތްތެރިކަމާ އެކު އުތުރުކޮރެޔާއާ މުއާމަލާތް ކުރުމަށް އެމެރިކާ އަށް އިލްތިމާސް ކުރައްވައިފަ އެވެ.
އުތުރުކޮރެޔާއަކީ ޗައިނާއާ ޚާއްސަގުޅުންތަކެއް އޮންނަ އަދި ޗައިނާގެ މަދަދާއި ހިމާޔަތް ލިބޭ ގައުމެކެވެ. ނަމަވެސް އުތުރުކޮރެޔާގެ ނިއުކްލިޔާ ސިޔާސަތުތަކާއި މިސައިލް ތަޖްރިބާގެ ސިޔާސަތުތަކާ ދެކޮޅަށް ޗައިނާ ބައިނަލްއަގްވާމީ މަހްފަލްތަކުގައި ހަރަކާތްތެރިވަމުން ގެންގޮސްފައިވެ އެވެ.
އުތުރުކޮރެޔާއަކީ ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރަމުން ގެންދާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގައުމެކެވެ. މިލިސްޓްގައި އުތުރުކޮރެޔާގެ އިތުރުން ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، އިންޑިޔާ އަދި އީރާން ހިމެނެ އެވެ.
އުތުރުކޮރެޔާއިން ފަސް ހާސް ކިލޯ މީޓަރުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އާއި ސަބްމެރިންއިން ފޮނުވާ ބާވަތުގެ ކްރޫޒް މިސައިލް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފައިވެ އެވެ. މީގެއިތުރުން ފަސް ފަހަރެއްގެ މަތިން ނިއުކްލިޔާ ބޮންވެސް އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައިވެ އެވެ. އަދި އެމެރިކާގެ ބައްރަށް ފޯރަފަދަ މިސައިލް ޓެކްނޮލޮޖީ އުތުރުކޮރެޔާގައި ހުންނާނެކަމަށް އެމެރިކާ ގެ ޖާސޫސީ އިދާރާ އިން ލަފާކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)