އިންފުލުއެންޒާއަށް ޖަހާ ފުލޫ ވެކްސިން ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން ގެނެސްގެން ޖަހަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި އެއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފް ވިދާޅުވެއްޖެ އެވެ.

ހަލުވިކަމާއެކު މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ރާއްޖޭގައި ހުރި ލިމިޓެޑް ސްޓޮކެކެވެ. އެ ވެކްސިން ދެމުންދަނީ މާބަނޑު މީހުންނަށެވެ.

ވެކްސިން ދީގެން އަތުވެދާނެ ސީރިއަސް ރިއެކްޝަނެއް މެނޭޖު ނުކުރެވޭފަދަ ތަނެއް [ގޭގައި / ކްލިނިކް] ގައި ނުދިނުމަކީ ބުއްދިވެރި ކަމެއް،ޑރ. އަފީފު

ރާއްޖޭގައި ހުރި އެންމެ ސީނިއާ ކުޑަކުދިންގެ ހާއްސަ ޑރ. އަފީފުގެފޭސްބުކްގައިއިއްޔެ ލިޔެފައިވަނީ އަމިއްލަޔަަށް ބޭރުން ފުލޫ ވެކްސިން ގެންނަ މީހުން ސަމާލުވާން ޖެހޭ ކަމަށެވެ. އެ ވެކްސިނަކީ ވަކި ޑިގްރީ ސެލްސިއަސްއެއްގައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް އަފީފް ވިދާޅުވި އެވެ.

  • ވެކްސިން އުފައްދާ ވަގުތުން ފެށިގެން ވެކްސިން ދިނުމާ ހަމައަށް ވެކްސިން ހުންނަން ޖެހޭނީ 2 އަކާއި 8 އަކާއި ދެމެދުގެ ޑިގްރީ ސެލްސިއަސްގައި ފިނިހޫނު މިނެއްގައި

ވެކަސިނަކީ ބަލިތަކުން މީހާ ރައްކާތެރި ކޮށްދޭ އެއްޗެއް ނަމަވެސް ފިނިހޫނުމިނަށް ބަދަލުވާ ތަނެއްގައި ވެކްސިން ބެހެއްޓުމަށްފަހު އެ ޖަހައިފިނަމަ އެލާޖިކްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑރ. އަފީފް ވިދާޅުވި އެވެ.

އެހެންކަމުން ފިނިހޫނު މިން 2 އާއި 8 ދެމެދުގެ ޑިގްރީ ސެލްސިއެއްގައި ނުބެހެއްޓޭ ތަނެއްގައި ވެކްސިން ނުގެންގުޅުމަށް ޑރ. އަފީފް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަފީފު ވިދާޅުވީ ވެކްސިން ދިނުމުން އެލާޖިކްވުމަކީ ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް ވެކްސިން ރިއެކްޝަނަށް އަންނަ ބަދަލަކާ ގުޅިގެން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެތީ، ވެދާނެ ކަމެއް ކަމަށް އަފީފު ވިދާޅުވި އެވެ.

"...ވެކްސިން ދީގެން އަތުވެދާނެ ސީރިއަސް ރިއެކްޝަނެއް މެނޭޖު ނުކުރެވޭފަދަ ތަނެއް [މިސާލަކަށް: ގޭގައި ނުވަތަ ކްލިނިކް، މި ތަންތަނަކީ އެ ހާލަތުގައި ފަރުވާ ދެވޭނެ ވަސީލަތްތަކެއް ހުރި ތަންތަނެއް ނޫން] ގައި ނުދިނުމަކީ ބުއްދިވެރި ކަމެއް،" ޑރ. އަފީފު ވިދާޅުވެފައިވެ އެވެ.

މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިން ރާއްކާތެރިވެ ތިބުމަށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، މާސްކަކުން އަނގަޔާއި ނޭފަތް ނިވާކުރުން އަދި އަވަސް އަވަހަށް އަތް ސާފުކުރަން އިސްކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރެ އެވެ.