މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ފުލުހުންގެ މުސާރައާ އެކު ބޮޑުކުރި އެލަވެންސް ނުދޭ ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހަށް ހުށަހަޅައިފިއެވެ.

ފުލުހުންނަށް މި އަހަރު ފާސްކުރި ބަޖެޓުގައި މުސާރަ އިތުރު ކުރަން ފައިސާ ހިމަނާފައިވިޔަސް، އެ ފައިސާ ދޫކުރެވޭނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒު ވަނީ ފުލުހުންނަށް ބޮޑުކުރި މުސާރަ ނުދޭ ކަމަށް ބުނެ މިދިޔަ މަހު ފަހުކޮޅު މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީގައި ރިޔާޒު ވިދާޅުވެފައި ވަނީ ފުލުހުންނަށް ބޮޑުކުރި އެލަަވަންސް އަދިވެސް ލިބެމުން ނުދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމުގައި ސަރުކާރުން ނިންމި ނިންމުމެއް ފުލުހުންނަށް އަންގާފައި ނުވާ ކަމަށެވެ.

ނަމަވެސް ރިޔާޒު ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމެޓީގައި އަދި ބަހުސްކޮޮށްފައެއް ނުވެއެވެ.

ހާދިސާތަކާ ގުޅިގެން މަގު މައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް ބޮޑުކުރަން ނިންމައި އެކަން މަޑުޖައްސާލާފައިވާއިރު މިއީ 2009 ވަނަ އަހަރުގެ ފަހުން ފުލުހުންގެ މުސާރަ ރިވިއުކުރި ފުރަތަމަ ފަހަރެވެ.