19 Mar 2017, 11:34
ޑިމާންޑު ދަށްވުމާ ގުޅިގެން މެގަ މޯލްޑިވްސްއިން މި މަހު އިންޑިއާގެ ނިއުދިއްލީއަށް ކުރުމަށް ހަމަޖެހިފައި ހުރި ހުރިހާ ދަތުރެއް ކެންސަލްކޮށް، ދިއްލީއަށް ދަތުރުކުރުން ހުއްޓާލަން ނިންމައިފިއެވެ.
ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްއިން މާލެއާ އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ދެމެދު ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ދިޔައީ ހަފްތާއަކު ތިން ފްލައިޓު ބާއްވަމުންނެވެ.
މެގަ މޯލްޑިވްސްއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އެއާލައިނުން ނިއުދިއްލީއަށް ދަތުރުކުރުމަށް އެއާކްރާފްޓުގެ ކުލީގެ މުއްދަތު މި މަހަށް ހަމަވާއިރު، އެ އެއާކްރާފްޓު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށެވެ.
މާލެއާ ނިއުދިއްލީއާ ދެމެދު އޮތް ފްލައިޓުތަކަށް ޑިމާންޑު ދަށްވުމާ ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް، ދެ ސިޓީގެ ދެމެދު ދަތުރުކުރުމަށް ތާވަލުކޮށްފައި ހުރި ފްލައިޓުތައް ކެންސަލް ކޮށްފައިވާ ކަމަށާއި، އެ ފްލައިޓުތަކަށް ޓިކެޓު ގަނެފައިވާ ފަރާތްތަކަށް ރީފަންޑް ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް މެގަ މޯލްޑިވްސްއިން ބުންޏެވެ.
މެގަ މޯލްޑިވްސްއިން ބުނީ ނިއުދިއްލީއަށް ކުރާ ދަތުރުތައް ހުއްޓާލާ އިރު، އެ ދަތުރުތައް ދެން އަލުން ފަށާނެ ތާރީޚެއް ފަހުން ހާމަކުރާނެ ކަމަށެވެ.