ހަލުވިކަމާ އެކު ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާ އާ ގުޅިގެން މީހުން އެއްތަނަކަށް އެއްވުން މަދުކުރުމަށް އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރީ އިންފުލުއެންޒާ ރޯގާއާ ގުޅިގެން މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނުވާތީ ކަމަށެވެ.

"ހުމާއި ރޯގާ ފެތުރުން ކުޑަކުރުމަށް ޓަކައި އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އާންމުންނަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ބަންދު ކުރެވިފައިވާކަން ދެންނެވިން،" ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް ގައުމީ ދާރުލް އާސާރު މިހާރެކޭ އެއްގޮތަށް ހުޅުވިފައި ހުންނާނެ ކަމަށް ހެރިޓޭޖުން ބުންޏެވެ.

އެޗް1އެން1 އިންފުލުއެންޒާ ރޯގާއާ ގުޅިގެން ސުކޫލުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިހާތަނަށް އެޗް1އެން1 އަށް 114 މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. އަދި ޕޮސިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.