03 Jul 2011, 13:12
ސަރުކާރު ހިއްސާވެގެން ހަދާފައިވާ ގިނަ ވިޔަފާރި ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންނާ ގާތްކަމެއް ނުހުންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޕަބްލިކް އެންޓަޕްރައިސަސް މޮނީޓަރިން އެންޑް އިވެލުއޭޝަން ބޯޑު ]ޕެމެބް[ އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ހެނދުނު އާރަށުގައި ބޭއްވި ޖަލްސާއެއްގައި އިނާޒް ވިދާޅުވީ ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކުން ފަހުގެ ވަސީލަތްތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް ރައްޔިތުންނާ ކައިރިން ރައްޔިތުންނަށް އެދޭ ގޮތަށް އެފަދަ ކުންފުނިތަކުން ހިދުމަތްތައް ދެވެމުން ނުދާކަމަށެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކޭ ބުނަމުން ވަރަށް ރީއްޗަށް ތޮށިގަނޑު ފެންނަ އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރެވޭ ކުންފުނިތަކެއްގެ ގޮތުގައި ފެނިފައި އޮންނަނީ. ސަރުކާރު ހިއްސާވާ ކުންފުނިތައް ރައްޔިތުންނާ އެހާބޮޑަށް ރަހުމަތްތެރިއެއްނޫން. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެހާ ބޮޑަށް ގާތްކަމެއް ނުހުންނަ ކުންފުނިތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ]އެތަންތަން[ ފާހަގަ ކުރެވެނީ،" އިނާޒް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ހިދުމަތްތައް ދިނުމަށް އެފަދަ ކުންފުނިތަކަކީ ބާޒާރާ ރަހުމަތްތެރި ވިޔަފާރިތަކެއް ކުރާ ކުންފުނިތަކަށް ވާން ޖެހޭ ކަމަށާއި އިގުތިސޯދަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ކުންފުނިތައް ބައްޓަންވާން ޖެހޭނެ ކަމަށް އިނާޒް ވިދާޅުވި އެވެ.
"ރާއްޖެ ފަދަ ކުޑަ ގައުމެއްގައި... ސަރުކާރުން ރައްޔިތުންނަށް ދޭންބޭނުންވާ ޒަރޫރީ ހިދުމަތްތައް ވީހާ ވެސް ބާޒާރާ ރަހުމަތްތެރި ގޮތަކަށް... ވީހާ ވެސް ކޯސްޓް އެފިސެންޓްކޮށް ރައްޔިތުންނަށް ]ހިދުމަތް[ ފޯރުކޮށްދިނުމުގެ ނިޔަތުގައި އުފައްދަން ޖެހޭ ކުންފުނިތަކެއް،" އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަގުސަދު ހާސިލްކުރުމަށް ކުންފުނިތައް އެކީގައި މަސައްކަތް ކުރުމަށް ކުންފުނިތަކުގެ ބޯޑުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވީ ކުންފުނިތަކަށް މިހާރު ވެސް އެކަށޭނަ އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި އެ އާމްދަނީން ކުންފުނިތަކަށް އެދެވޭ ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކަށް ވެފައި އޮތީ ސަރުކާރުގެ ތެރޭގައި ހުރި ވިޔަފާރީގެ އުސޫލުން ކުރެވޭނެ ކަންކަން ބަލައި ވިޔަފާރީގެ ތެރެއިން އެކަންކަން ކުރުން. އެ އުސޫލުން އެކަންތައްތައް ހިނގަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
ޕެމެބް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަކާތްތައް މޮނީޓާ ކުރުމާއި ހިންގުން ހަރުދަނާކުރެއްވުމަށް ބޭނުންވާ ބައެއް މައުލޫމާތު ދިނުމާއި އެ ކުންފުނިތަކަށް ދިމާވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެ އެކުލަވާލި ބޯޑެކެވެ.