19 Mar 2017, 09:37
ބެއިޖިންގް (މާޗް 19) : އުތުރުކޮރެޔާގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން ކުރިމަތިލުމަށް އުސޫލެއްގެ ގޮތުން އެމެރިކާއާއި ޗައިނާ އެއްބަސްވެފައިވާކަމަށާ އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން ޖެހިއްޖެނަމަ އެކަންވެސް އެމެރިކާ ކުރާނެކަން އެގައުމުން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ބީ އާ އެކުގައި ބޭއްވި ނޫސްކޮންފަރެންސްގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލާސަން އެވެ. ޓިލާސަން ވިދާޅުވީ އުތުރުކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމާއި ހަތިޔާރުގެ އެހެން ޕްރޮގްރާމްތަކަކީ ކޮރެޔަން ޕެނިންސިއުލާގެ އިތުރުން މުޅި ދުނިޔެއަށް ވެސް ހުރި ނުރައްކަލެއްކަމަށް ޗައިނާ ވެސް މިހާރު ގަބޫލުކުރާކަމަށާ މިނުރައްކާތަކާ ކުރިމަތިލުމުގައި އެމެރިކާއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ޗައިނާވެސް ތައްޔާރު ކަމުގަ އެވެ.
ނަމަވެސް ޓްރަމްޕްގެ ސަރުކާރާއި ޗައިނާގެ ގުޅުންތައް ވަނީ އަދި ނޭނގުމެއްގެ ތެރޭގަ އެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ދީފައިވާ އިންޒާރުތަކުގެ ސަބަބުން އެމެރިކާއާއި ޗައިނާގެ ގުޅުންތައްވަނީ އިތުބާރުނެތް އަދި ގޮތްނޭނގޭ ހާލަތަކަށް ވެއްޓިފަ އެވެ. މިފަދަ ހާލަތެއްގައި އެމެރިކާ އެދޭ އަސަކަރީ ކަންކަމުގައި ޗައިނާގެ އެއްބާރުލުން އެމެރިކާއަށް ލިބިދާނެކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ.
މިއީ ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމެރިކާގެ އިސްމަސްއޫލުވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އުތުރުކޮރެޔާއަކީ ޗައިނާއާ ޚާއްސަގުޅުންތަކެއް އޮންނަ ޗައިނާގެ މަދަދާއި ހިމާޔަތް ލިބޭ ގައުމެއް ނަމަވެސް އުތުރުކޮރެޔާގެ ބައެއް ސިޔާސަތުތަކާ ދެކޮޅުކަން ޗައިނާ ހާމަކޮށްފައިވެ އެވެ.
އުތުރުކޮރެޔާގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމަށް ޓަކައި އެމެރިކާއާ ގުޅިގެން ޗައިނާ މަސައްކަތްކުރާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވި ވިދާޅުވުމާ ބެހޭ ގޮތުން ޗައިނާ އިން ރަސްމީގޮތެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އުތުރުކޮރެޔާ މައިތިރި ކުރުމަށް ޓަކައި މިހާތަނަށް އެމެރިކާ ގެންގުޅެމުން ދިޔަ ސިޔާސަތުތައް ބަދަލުކޮށް އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެކަމަށް ވިދާޅުވެ އުތުރުކޮރެޔާއަށް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. ނަމަވެސް އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ. ސަބަބަކީ ބަދަލުހިފުމުގެ ގޮތުން އުތުރުކޮރެޔާގެ ހަމަލާތައް ދެކުނު ކޮރެޔާއާއި ޖަޕާނަށް އަމާޒުކުރާނެ ކަމަށް ބެލެވޭތީ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މިއަދުވަނީ ބެއިޖިންގް އިން ފުރާވަޑައިގެން ޖަޕާނަށް ވަޑައިގެންފަ އެވެ. އޭގެކުރިން އޭނާ ވަނީ ދެކުނު ކޮރެޔާއަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. (ނޫސް އެޖެންސީތައް)