19 Mar 2017, 09:31
ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ، ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލްތު ސާވޭލަންސްގެ މަސައްކަތް ވަރުގަދަކޮށްފި އެވެ.
ސްރީލަންކާއަކީ ދިވެހީން އެންމެ ގިނައިން ދަތުރުކޮށް ހަދާ ގައުމެވެ. ލަންކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2016 ވަނަ އަހަރު 95،167 ދިވެހީން ދަތުރުކޮށްފައިވެ އެވެ. އަދި އެގައުމުގައި 12،000 އެއްހާ ދިވެހީން ދިރިއުޅެމުން ދެ އެވެ.
ރާއްޖޭގައި އެޗްވަންއެންވަން ރޯގާ ނުވަތަ ސްވައިން ފްލޫ ފެތުރެމުންދާ މި ދަނޑިވަޅުގައި، ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަރަންޓީން ޑިވިޝަނުން މިވަނީ ދިވެހީން ސާވޭލަންސްކުރުމުގެ މަސައްކަތް ފުޅާކޮށްފަ އެވެ.
ބަންޑާރަނަޔަކަ އެއާޕޯޓުގެ ކަރަންޓީން ޑިރެކްޓަރު ޑރ. ޕާލިތަ ކަރުނަޕޭމަ، ލަންކާގެ ސަންޑޭޓައިމްސް ނޫހަށް ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ސިއްހީ ހާލަތާ މެދު ޝައްކު ކުރެވޭ 300 ދިވެއްސަކު އެއާޕޯޓުގެ ހެލްތު ޑެސްކަށް ފޮނުވި ކަމަށާއި، އޭގެ ތެރެއިން 105 މީހެއްގެ ކިބައިން ސްވައިން ފްލޫގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
ޑރ. ކަރުނަޕޭމަ ވިދާޅުވީ ބައްޔެއްގެ ނުރައްކާ ބޮޑު ދުވަސްވަރުތަކުގައި އަމަލުކުރާ އާންމު އުސޫލަކީ އެ ފަސިންޖަރުގެ މައުލޫމާތު ނަގައި ސިސްޓަމަށް ރެޖިސްޓަރުކުރުމާއި، ނުވަތަ ފަސިންޖަރު ގައުމަށް އެތެރެވާ އިރު ޑިކްލެރޭޝަންގައި ސިއްހީ ހާލުގެ މައުލޫމާތު ހިމެނުން ކަމަށެވެ.
ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ސާމިތަ ގިނިގެ ސަންޑޭޓައިމްސްއަށް ވިދާޅުވި ގޮތުގައި މިދުވަސްވަރު ރާއްޖެ ނޫނަސް، ދެކުނު އޭޝިއާ އަދި އިރު ދެކުނުގެ ގައުމުތަކުގެ މީހުންގެ ކިބައިން ސްވައިން ފްލޫ ފެންނަމުންދާ ކަމަށެވެ. މީގެ އިތުރުން ލަންކާގެ ކެންޑީ އަދި ކިލިނޮއްޗި ޑިސްޓްރިކްޓާއި އުތުރު ޕްރޮވިންސްގެ ބައެއް ހިސާބުތަކުން ސްވައިންް ފްލޫ ޖެހުނު ރައްޔިތުންގެ އަދަދު އިތުރުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ސްވައިން ފްލޫ ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާއިރު، އެ ބައްޔަށް ގިނަ އަދަދެއްގެ ދިވެހީން ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލްސް އިން ފަރުވާ ހޯދަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ވަނީ ދޮގުކޮށްފަ އެވެ.
އިއްޔެއާ ހަމައަށް ރާއްޖެއިން 114 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާ އިރު، އެ ބަލި ޖެހިގެން ދެ މީހަކު މަރުވެފައިވެ އެވެ.