19 Mar 2017, 09:15
ނ. އަތޮޅަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނާ އަލަށް ވަޒީފާއަކަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގެ ވޭޓަރަކަށެވެ. ރިސޯޓުގައި އުޅުމަށް ފަހު މިދިޔަ މަހު އޭނާ އޮފް ޑޭ އަށް މާލެ އަ އެވެ. މާލެ އައިސް ރިސޯޓަށް ދިއުމުގެ ކުރިން ރައްޓެހިންނާ ބައްދަލުކުރުމަށް މާލޭގެ ކެފޭއަކަށް ގޮސް ޝީޝާއެއް ބުއެވެ. ދޭތެރެދޭތެރެއިން ޝީޝާ ބުއި ނަމަވެސް އޭނާ އަކީ ސިނގިރޭޓް ބޮއި އުޅޭ މީހެއް ނޫނެވެ.
"ބައިވަރު ރައްޓެހިންނާ އެކު ދިޔައީ. ދެން މަ އޯޑަރު ދިނީ ވެސް. މަބުނިން ކޮން ވައްތަރެއްގެ ޝީޝާއެއްހޭ އެންމެ ހިނގަނީ. ބުނީމަ ވޭޓަރު ބުނި ނަމެއް. މަ ނެތް ހަނދާނެއް. ދެން އޭތި ގެނައީ. ގެނެސް ބުނީ، މާގަދަޔަކަށް ނުދަމަން،" އެޒުވާނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ޝީޝާ ގެނެސް ބެހެއްޓީ އޭނާ ކައިރީގަ އެވެ. އެހެން ރައްޓެއްސަކު ޝީޝާގައި އަތެއް ނުލަ އެވެ. އޭގެ އަނެއް ދުވަހު އޭނާ ރިސޯޓަށް ދިޔަ އެވެ.

"ރިސޯޓަށް ގޮސް ޖެހޭ ޔޫރިން ދޭން. ދެން މަ ކުލިނިކަށް ގޮސް ޔޫރިން ދީފިން. ރޫމްގައި ހުއްޓާ ގުޅާފައި ބުނި އަލުން އަންނާށޭ ޔޫރިންދޭން. ދެން މަ ގޮސްފިން، ގޮސްދީފިން މަނުވިސްނަން އެއްވެސް ކަމަކާ. ދިނީމާ ބުނެފި ޕޮޒިޓިވްއޭ. މަބުނެފިން ނުކުރާނެމޭ ގަބޫލެއް، އަލުން ކުރާށޭ. ބުނީމަ ބުނީ އެޗްއާރުން އައީމަޔޯ ދެން ކުރެވޭނީ. ދެން އެޗްއާރު މީހަކު އައިސް އަނެއްކާ ޓެސްޓްކޮށްފިން، ކުރިއިރު ހަމަ ޕޮޒިޓިވް،" އެޒުވާނާ ކިޔައިދިނެވެ.
އޭނާ ޕޮޒިޓިވްވެފައި ވަނީ، އާންމުކޮށް ހަކަތަ އިތުރުކުރުމަށާއި ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް ބޭނުންކުރާ ނުރައްކާތެރި ޑުރަގަކަށެވެ.
އެ ޑުރަގަށް އެ ޒުވާނާ ޕޮޒިޓިވް ވުމުން އޭނާގެ ޕްރޮބޭޝަން ހަމަވި ދުވަސްކަމުގައިވާ މިމަހުގެ 12 ވަނަ ދުވަހު ރިސޯޓުގެ ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ.
އޭނާ ބުނާ ގޮތުގައި ޝީޝާ ބުއިން ފިޔަވައި އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓްވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ.
"މަމީ ދުވަހަކު ވެސް އެކަހަލަ ކަމެއް ކުރި މީހެއްނޫން. ވަރަށް ޔަގީން އެޝީޝާ އިން ލިބުނު ލަނޑެއްކަން އެއީ،" އެޒުވާނާ ބުންޏެވެ.
ޝީޝާއަށް ޒުވާނުން ދެވިހިފާފައި
ޝީޝާ މިއަދުވެފައި މިވަނީ ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލް އިސްތިއުމާލަކަށެވެ. ހާއްސަކޮށް ޖިންސުއްލަތީފުންގެ ތެރޭގަ އެވެ. އެކަން ފެޝަނަކަށްވެ ދުވަހުން ދުވަހަށް އެކަން އިތުރުވަމުންދާއިރު އޭގެ ނުރައްކާ މިވަނީ ވަރަށް ބޮޑުވެފަ އެވެ.
"އެއީ ހިނގާކަމެއް. މައުލޫމާތު ލިބިފައިބަހުރި ހޭޝްއޮއިލް [މަސްތުވުމަށް ބޭނުންކުރާތެޔޮ] އަޅައިގެން ބޯކަމަށް. އެކަން ކުރަން ވަރަށް ފަސޭހަ އެމީހުންނަށް. ޝީޝާ މިހަދަނީ ދުންފަތްގަނޑަކަށް ފުލެވާ އަޅައިގެން. އެއަށް ތެޔޮ އެއްކުރަން ފަސޭހަވީމަ އެހެން ހަދައިގެން ބޮއެ އުޅެނީ،" ފުލުހުންގެ ޑުރަގް އިންވެސްޓިގޭޓިވް އޮފިސަރަކު އެކަން ހިނގާކަން ކަށަވަރު ކޮށްދެމުން ބުންޏެވެ.
ޝީޝާގެ ވިޔަފާރި ކުރާ ގިނަ ކެފޭތައް ވެސް ހުރީ އެކަމަށްމަގުފަހިވާގޮތަށެވެ. އެތަންތަން ނައިޓް ކުލަބުތަކުގެ ޑިޒައިނަށް ޑިޒައިންކޮށްފައިވާ އިރު އިންތިހާއަށް އަނދިރި އެވެ. ސޯފާތަކުގެ މަތީގައި ގްރޫޕު ގްރޫޕަށް ތިބެ ޝީޝާ ބުއިން އާންމުއިރު އެއީ ގިނަ ބަޔަކު އެއްފަހަރާ މަސްތުވުމަށް އޮތް ބޮޑު ފުރުސަތަކަށް ވަނީވެފަ އެވެ.
މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން އޭނާ މަސްތުވާތަކެތި ބޭނުންކުރި ކަމަށް އެއްބަސްވެއްޖެ ނަމަ އިންޑިކޭޓިވް އެސެސްމަންޓްއަކަށް ފަހު ޑުރަގް ކޯޓުން ފަރުވާއަށް ހުކުމް ކުރެ އެވެ. އެއްބަސްނުވެއްޖަ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.
ޝީޝާގެ ވިޔަފާރީގެ ވާދައަށް މަސްތުވާތަކެތި!
މީގެ ކުރިން 60 ރުފިޔާ އަށް ވިއްކި ޝީޝާއެއްގެ އަގު 200 ރުފިޔާ އިން މައްޗަށް އަރައިގެންގޮސް އެތައް ޒުވާނުންނެއް އެމަޅީގައި ޖެހިފައިވާ އިރު އެ ވިޔަފާރިއަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއެކެވެ. އެއް ކެފޭ އަނެއް ކެފޭގެ ވާދަވެރިކަން ވަރަށް ބޮޑެވެ.
ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ވާދަވެރިކަމުގެ ތެރެއިން، މީހުން ގިނައިން ގެނައުމަށް މަސްތުވާތެކެއްޗާ އެކު ޝީޝާ ވިއްކުމަކީ ކޮށްފާނެ ކަމެއްކަމަށް ކުރިން ވެސް ވަނީ ބެލެވިފަ އެވެ. ޒުވާނުން އެކަމަށް ހުންނަ އާދަޔާ ހިލާފް ފޯރިއަކީ އޭގެ ސަބަބެއްކަމަށް އޭނާ ތުހުމަތުކުރެ އެވެ.
"ކުރިން ވެސް އަޅުގަނޑުމެން އެވާހަކަ ދެއްކިން. އެކަމަށް ޝައްކުކުރެވޭ، ބައެއް ތަންތަނަށް ޝީޝާ ބޯންގޮސް މޭޒެއް ހުސްވަންދެން ބޭރުގައި އެބަތިބޭ މަޑުކޮށްގެން. މާލޭގައި އެހެން ކެފޭތައް ހުންނައިރު އެހެން ތިބޭއިރު އޭގައި ސަބަބެއް އެބަވޭ ދެއްތޯ،" އިސް އޮފިޝަލް ވިދާޅުވި އެވެ.
މީގެކުރިން ބައެއް ކެފޭތަކުގައި މަސްތުވުމަށް ތިއްބާ ފުލުހުން ގޮސް އެތަނުގެ މުވައްޒަފުންނާ އެކު ހައްޔަރުކޮށްފައި އެބަހުއްޓެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ޝީޝާގެ ޑިމާންޑް އިތުރުކޮށް ވިޔަފާރި ކުރުމަށް މަސްތުވާތަކެތި އަޅައިގެން ޝީޝާ ވިއްކުމަކީ ކޮށްފާނެ ކަމަށް ބެލެވޭ ކަމެއް ކަމަށެވެ.
"މައުލޫމާތު ލިބިފައި އެބަހުރި ބައެއް ވޭޓަރުން އެކަން [މަސްތުވާތަކެތި އަޅައިގެން ޝީޝާ ވިއްކުން] ކުރާކަމަށް. ބަލަމުން ދަނީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ޝީޝާގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ދޮގުކުރެ އެވެ. އެފަދަ ކަމެއް ކުރާކަން އެނގޭ ނަމަ ފިޔަވަޅު އަޅައި އެކަސްޓަމަރުން ކެފޭއިން ނެރޭ ކަމަށް ބައެއް ކެފޭތަކުން ބުނެ އެވެ.

އެފަދަ ވިޔަފާރިތައް ހުއްޓުވަނީ!
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި ކެފޭ އަދި ރެސްޓޯރެންޓްތައް ހިންގާއިރު އެކަށީގެންވާ ވަރަށް އަލި ހުންނަން ޖެހެ އެވެ. މަސްތުވުން ނުވަތަ ގާނޫނު ހުއްދަ ނުކުރާ ކަންކަމަށް ފުރުސަތުދޭ ނަމަ އެ ވިޔަފާރިއެއްގެ ހުއްދަ ބާތިލުކުރާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"ކެފޭތައް އަނދިރިކޮށްފައި އޮތުން އެއީ ރަނގަޅު ގޮތެއް ނޫން. މަސްތުވާތަކެތި އުޅެންޏާ ސުވާލުކޮށް ފިޔަވަޅު އަޅާނެ. ހުއްދަ ބާތިލްކުރާނެ،" ވިސާމް ވިދާޅުވި އެވެ.
ފުލުހުން އަންގާ އެފަދަ ކަންކަން ބަލައި އެވިޔަފާރިތަކާއި މިހާރު ވެސް ފިޔަވަޅު އަޅަމުންދާ އިރު ކުރިއަށް އޮތްތަނުގައި މޮނީޓާކޮށް ބަލާނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
އިންތިހާއަށް ނުރައްކާތެރި އެއްޗެއް
މަސްތުވާތަކެއްޗަކީ ދެދުނިޔޭގައި ވެސް އެމީހެއްގެ ހަލާކުކަން ދިރާސާތަކުން ދައްކަ އެވެ. އެއަށް ދެވިފައި އެއާ ނުލައި ނޫޅެވޭވަރުވަނީ އެވެ. ހަށިގަނޑުގެ ފިނި ހޫނުމިނަށް ބަދަލުއައިސް ލިވާ ކިޑްނީ ހިތް މަސައްކަތް ހުއްޓުން އެއީ އާންމު މައްސަލަތަކެވެ. ހަމައެއާ އެކު ލިބޭ ދަރިން އައިބުވުމާއި މީހާ ބަލިކަށިވުމަކީ އޭގެ ނުރައްކާ އަސަރެވެ.
ހޫކަށް ނުވަތަ ޝީޝާ އަކީ ސިނގިރޭޓާ އެއްފަދައިގައިން ދެވި ހިފާ އެއްޗެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޝީޝާ އަކީ ސިނގިރޭޓް ބޭނުން ކުރުމަށް ވުރެ ގެއްލުން ކުޑަ ކަމެކެވެ. ނަމަވެސް އެއީކުށްހީއެކެވެ.
އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން( ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ޝީޝާގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި ނޭވާ ލުމުގެ ނިޒާމަށް އެކި ކަހަލަ ބަލިތައް ޖެހުމާއި މާބަނޑު އަންހެން މީހާ އަށާއި ދަރިފުޅަށް ގެއްލުން ލިބުން ހިމެނެ އެވެ.
ސިނގިރޭޓާ ހިލާފަށް ޝީޝާ ބޯ މީހުންނަށް ވިހައިގެ ނުރައްކާ ބޮޑު ކަމަށް ސީޑީސީ އިން ވަނީ ބުނެފަ އެވެ. ސިނގިރޭޓާ ހިލާފަށް ޝީޝާއަކީ ދިގު ވަގުތަކަށް އެއްފަހަރާ ބޭނުން ކުރާ އެއްޗެކެވެ. އެހެން ކަމުން ގިނަ ވަގުތެއްގައި އެ ބޭނުން ކުރުމަކީ ދުވަސްތަކެއް ވަންދެއް ސިނގިރޭޓް ބުއިމުންވާ ވަރުގެ ގެއްލުވާ ކަމެކެވެ.
ޝީޝާގައި ބޭނުން ކުރާ ޗާކޯލްގެ ސަބަބުން ދުންފަތް ހޫނު ވެގެން ދާނެ އެވެ. އެހެން ކަމުން އެ ދޭތި އެއްވުމުގެ ސަބަބުން މަތީ އަދަދަކަށް ކާބޮން މޮނޮކްސައިޑް އާއި ދަގަނޑު އަދި ކެންސަރު ޖެހޭ ފަދަ ވިހަތައް އިންސާނާގެ ހަށިގަނޑަށް ދާނެ އެވެ.
އެއް ގަޑިއިރުގެ ޝީޝާ ސެޝަނެއްގައި ގާތްގަނޑަކަށް 200 ފަހަރު ދަމާލެވޭނެ އެވެ. ނަމަވެސް އެވަރެޖްކޮށް ސިނިގިރޭޓެއްގައި ދަމާލެވޭނީ 20 ފަހަރު އެވެ. އެހެންކަމުން ސިނގިރޭޓަކަށް ވުރެ ގެއްލުން ބޮޑުކަމަށް ފެނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި ސިނގިރޭޓާއި ޝީޝާ އަކީ މަސްތުވުމަށް މަގުފަހިކުރުވާ ދެ އިސްތިއުމާލް ކަމަށްވާ އިރު ޝީޝާ ރާއްޖޭގައި ވަރަށް ބޮޑަށް ޕުރޮމޯޓްކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
ކޮންމެ އަކަސް އޮޅުވާލުމެއްގެ ތެރެއިން އަނެއްކާ ވެސް މިވަނީ ޒުވާނުން މަޅިއެއްގައި ޖައްސާފަ އެވެ. އެމަޅީގައި ޖެހި ޒުވާނަކު އެވަނީ ބޭއިހްތިޔާރުގައި މަސްތުވެ ވަޒީފާ ގެއްލިފަ އެވެ. ޝީޝާ ބުއިން ފެޝަނަކަށްވެފައިވާ އިރު އެ އިސްތިއުމާލް ކުރާ ފަރާތްތަކުން އިތުރަށް ވިސްނަން ޖެހެ އެވެ. ދުންފަތުގެ އިސްތިއުމާލްކަމަށްހީކޮށް މަސްތުވެވެވޭ ނަމަ އަދި ގެއްލުންމާބޮޑެވެ. ކަމާ ބެހޭ އިދާރާތައް ހޭލާށެވެ. ޒުވާން ޖީލެއް ނެތިދަނީ އެވެ.