އައްޑޫ ސިޓީ ފޭދޫއާއި ގަމާއި ގުޅޭ ހިސާބު ލިންކް ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 07:00 ހާއިރު ކަމަށާއި، އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށް ކަމަށެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދެމުން ދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެހާދިސާގައި އަނިޔާވީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 19 އަހަރުގެ އަންހެނަކަށެވެ. އެކްސިޑެންޓު ހިނގީ ސައިކަލު ކަހާލުމުން ކަމަށާއި، އެ ދެމީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގެ އިތުރުން މިއަދު މެންދުރުވެސް އައްޑޫ ލިންކު ރޯޑުގައި ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި 29 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.