އެތުލެޓީކް ބިލްބާއޯގެ މައްޗަށް ކުރި ހޯދައިގެން ރެއާލް މެޑްރިޑުން ސްޕެނިޝް ލަ ލިގާގެ ދެވަނަގައި އޮތް ބާސެލޯނާއަށް އަށް ވުރެ ފަސް ޕޮއިންޓް ކުރިއަށް ޖެހިލައިފިއެވެ.

ލީގު ތާވަލުގެ ދެވަނަައިގައި 60 ޕޮއިންޓާ އެކު ބާސާ އޮތްއިރު، ތާވަލުގެ އެއްވަނަގައި ރެއާލް މިހާރު އޮތީ 65 ޕޮއިންޓާ އެކުއެވެ. އެހެން ނަމަވެސް، މާދަމާ ރޭ ވެލެންސިއާ އަތުން މޮޅުވެގެން ބާސާއަށް އެ ފަރަގު އަލުން ކުޑަކުރުމުގެ ފުރުސަތު އެބަ އޮތެވެ.

މިރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑް، ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔަބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ރެއާލުން ކާމިޔާބުކުރީ 25 ވަނަ މިނިޓްގައެވެ. ކްރިސްޓީއާނޯ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރެއާލަށް އެ ލަނޑު ޖަހައިދިނީ ކަރިމް ބެންޒެމާއެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް ކުޅެ 2-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ ތެެރޭން -- ފޮޓޯ: އޭޕީ

މެޗުގެ ބޮޑު ބައި 1-0 ގެ ނަތީޖާއެއްގައި ކުރިއަށް ދަނިކޮށް ދެވަނަ ހާފުގައި ބިލްބާއޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 65 ވަނަ މިނިޓްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމުރުން 36 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިއާ އެރިޓްޒް އަދުރީޒްއެވެ.

ރެއާލް މެޑްރިޑް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށް ވެސް އެސިސްޓް ކޮށްދިނީ ޕޯޗްގީޒް ތަރި ރޮނާލްޑޯއެވެ.

މިރޭ ރެއާލް އަތުން ބަލިވި އެތްލެޓީކް ބިލްބާއޯ، ލީގު ތާވަލްގައި މިވަގުތު އޮތީ ލިބުނު 44 ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެސްޕަންޔޯލްއާ އެއިބާރ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.