މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރ. މީދޫ ޓީމުގައި ބިދޭސީ ދެ ކުޅުންތެރިން ހިމެނޭކަމަށާއި މުބާރާތަށް، ވަރަށް ފޯރިއާއެކު ތައްޔާރު ވަމުންދާ ކަމަށް އެޓީމުން ބުނެފިއެވެ.

ސަން ސްޕޯޓްސްއަށް މައުލޫމަތު ދެއްވަމުން އެ ޓީމުގެ ކޯޑިނޭޓަރު އިބްރާހިމް ހަސަން ވިދާޅުވީ، އެރަށު ޓީމަށް ބިދޭސީ ދެކުޅުންތެރިއަކު ގެނައުމަށް ހަމަޖެހިފައި ވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ނައިޖީރިއާގެ ފޯވާޑަކާއި ޕާކިސްތާނުގެ ކީޕަރެއްކަމަށެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ބައެއް ޓީމުތަކަށް ކޯޗުކަން ކޮށްދީފައިވާ މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން މީދޫ ޓީމު މި މުބާރާތަށް ނުކުންނަ އިރު އެޓީމުގެ ފަރިތަކުރުންތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށާއި ޓީމާ ގުޅޭ ބިދޭސީ ދެ ކުޅުންތެރިންވެސް މި މަހުގެ 24 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

"ޓީމަށް ގެންނަ ބިދޭސީ ދެ ކުޅުންތެރިންނަކީ ނައިޖީރިއާގެ ފޯވާޑް ފްރެންސިސް އިކެޗްކުވޫއާއި ޕާކިސްތާނު ކީޕަރެއްކަމަށްވާ އަބްދުލް ބާސިތު. މި ދެކުޅުންތެރިންވެސް 24ގަ ޓީމާ ގުޅޭނެ،" ހަސަން ވިދާޅުވިއެވެ.

ފުރެންސިސް އިކެޗްކުވޫ އަކީ މީގެކުރިން ނައިޖީރިއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ، ގޯލާ ރައްޓެހި ކުޅުންތެރިއެއްކަމަށް މީދޫ ޓީމުން މައުލޫމާތުދެއެވެ. އަދި ޕާކިސްތާން ކީޕަރަކީ ޑަބްލިޔުއޭޕީޑީއޭ ކްލަބަށް ކުޅެމުން އަންނަ ކީޕަރެކެވެ.

ހަސަން ވިދާޅުވީ، ޓީމުގެ ކަންކަން ފުރިހަމަވެގެން މި އަންނަނީ ގިނަ ބައެއްގެ އެހީތެރިކަމާއިއެކީގައި ކަމަށާއި އެގޮތުން ފިލާދޫ ރިސޯޓާއި ކުޑަފުށި އަދި މީދޫ ރައްޔިތުންނާއި، އެހީވެދިން ސަރުކާރުގެ މުއައްސަސާ ތަކުގެ އިތުރުން ދާއިރާގެ މެމްބަރާއި ޖުމުލަ ގޮތެއްގައި އެހީތެރިވެދިން އެންމެންނަށް ވެސް ޝުކުރު އަދާކުރާކަމަށެވެ.

މިހާރު ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ރޯގާގެ ސަބަބުން މިނިވަން ޗެމްޕިއަންޝިޕް ފަސްވެފައިވާއިރު މި މުބާރާތުގައި މީދޫ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އަލިފުށްޓާ ދެކޮޅަށެވެ.