18 Mar 2017, 19:47
ހ. މުޅަދޫ ގޭގައި މިއަދު ހިނގި ހާދިސާ ހިނގަން މެދުވެރިވީ ރެގިއުލޭޓަރު ރަނގަޅަށް ނުޖެހި ހުރުމުގެ ސަބަބުން އޭގައި ހުޅު ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މުޅަދޫ ގޭގައި މިއަދު މެންދުރެއްހާއިރު ހިނގި ހާދިސާގައި އެގޭގައި ހުރި ގޭސްފުޅި ގޮވީ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރީ، ފުލުހުން އެގޮތަށް ރިޕޯޓް ކުރުމުންނެވެ. މިއަދު މެންދުރު 1:08 ގައި ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހ. މުޅަދޫގޭގައި ގޭސްފުޅި އެއް ގޮވައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
H. Mulhadhoogeygai gaysfulhi eh gova 3 meehakah aniyavegen, Galolhu Police ge eheetheri kamaieku IGMH ah gendhevifai.
— Maldives Police (@PoliceMv)March 18, 2017
ނަމަވެސް އެގޭގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވުމަށްފަހު ބުނެފައިވަނީ، ހާދިސާގައި ގޭސްފުޅީގައި ރޯވެފައިވަނީ ރޮށި ފިހަން އުޅުމުގެ ތެރޭގައި ގޭސްފުޅި ހުސްވެގެން، ގޭސްފުޅި ބަދަލުކުރުމަށްފަހު ރެގިއުލޭޓަރު ރަނގަޅަށް ނުޖެހި ހުރުމުގެ ސަބަބުން އޭގައި ހުޅު ހިފައިގެން ކަމަށެވެ.
އަދި އެ ހާދިސާގައި ގޭސްފުޅިއަށް ގެއްލުމެއް ލިބިފައިނުވާއިރު، ގޭސްފުޅި ގުޅާފައިވާ ރެގިއުލޭޓަރު އަދި ހޮޅި އަދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ހ. މުޅަދޫ ގޭގައި ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ 34 އަހަރުގެ އަންހެނަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖެއް އަދި 12 އަހަރުގެ އަންހެން ކުއްޖަކަށެވެ.
ތިން މީހުންގެ ވެސް އެކި ތަންތަން ފިހުނުއިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އެމީހުން ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އައިޖީއެމްއެޗުން ބުނެއެވެ.